އޭޕްރީލް މަހުގެ ނިޔަލަށް ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ދަނީ އެސްޑީއެފްއާ ގުޅިގެން "ދަނޑުވެރި ނަފާ" ގެ ނަމުގައި ޒަމާނީ ޓެކްނޮލޮޖީތަކާ އެކު ދަނޑުވެރިކަން ކުރަން ހިތްވަރު ދިނުމަށް ލޯނު ސްކީމެއް ހިންގަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދަނޑުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ޖުމްލަކޮށް 13 މިލިއަން ރުފިޔާގެ ލޯނު ދަނޑުވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ އަމިއްލަ ފަރުދުންނަށް ދޫކުރި ހަތަރު މިލިއަން ރުފިޔާ އާއި، ވިޔަފާރިތަކަށް ދޫކުރި 8 މިލިއަން ރުފިޔާގެ ލޯނު ކަމަށް އޭނާ ވިދާޅުވިއެވެ.

ވިޝާމާ ވިދާޅުވީ، މިވަގުތު ރާއްޖޭގައި 7،600 ދަނޑުވެރިން ތިބި އިރު އޭގެ ތެރެއިން 55 ޕަސެންޓަކީ އަންހެނުން ކަމަށެވެ.

"ދަނޑުވެރި ނަފާ" ލޯން ސްކީމުގެ ދަށުން ދެ ގޮތަކަށް ލޯނު ދޫކުރެ އެވެ. އެއީ ރަހުނަކާ ނުލައި ދޭ ލޯނާއި ރަހުނާ އެކު ދޭ ލޯނެވެ. ޕްރޮޖެކްޓުތައް ހިންގަން ރަހުނަކާ ނުލައި 75،000 ރުފިޔާގެ ލޯނު ދޫކުރާއިރު، ހަ ޕަސެންޓުގެ އިންޓްރެސްޓާ އެކު އަމިއްލަ ފަރާތްތަކަށް ގިނަވެގެން 500،000 ރުފިޔާގެ ލޯނާއި ވިޔަފާރިތަކަށް ދެ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ.

ލޯނު އަނބުރާ ދައްކަން އެސްޑީއެފްސީން ހަތް އަހަރުގެ މުއްދަތެއް ދެ އެވެ. އަދި ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ގިނަވެގެން 12 މަސް ދުވަސް އެ ކޯޕަރޭޝަނުން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން