ހައިޑްރޯފޯނިކްސް އާއި ވާޓިކަލް ފާމިންގެ މަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދަނޑުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ ވިދާޅުވީ، ހައިޑްރޯޕޯނިކްސް ފާމިން ފެށުމަށްޓަކައި އދ.އޮމަދު އާއި ފ. ދަރަނބޫދޫ ކަނޑައަޅައި އެ ދެ ރަށުގައި އެކަމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ވާޓިކަލް ފާމިންގެ މަސައްކަތް ފެށުމަށް ޅ.ނައިފަރާއި، ރ.ހުޅުދުއްފާރާއި، ނ.ކެނދިކުޅުދޫ އަދި ތ ކިނބިދޫ ކަނޑައަޅާފައިވާ ކަމަށް ވިޝާމާ ވިދާޅުވިއެވެ.

ވިޝާމާ މިއަދު ވިދާޅުވީ، ހައިޑްރޯފޯނިކްސް ފާމިން ކުރިއަށް ގެންދާ ރަށްރަށުގައި ކޮންމެ ރަށެއްގެ 10 ދަނޑުވެރިންގެ ތެރެއިން ކޮންމެ ދަނޑުވެރިއަކަށް 50 ލެޓިއުސް އިންދޭ ހޮޅި ސިސްޓަމަކާއި ކިއުކަމްބާ މެލަންގެ 25 ގަސް ހެއްދޭ ވަރުގެ ޓްރަފް ސިސްޓަމެއް މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށެވެ.

އަދި މި އަހަރުގެ ސެޕްޓެމްބަރުގައި ދަނޑުވެރިންނާ އެ މަސައްކަތް ހަވާލު ކުރެވޭނެ ކަމަށާއި، އެ ސިސްޓަމުން އެވްރެޖުކޮށް 12 ކިލޯގެ ލެޓިއުސް ފަތާއި، ކިއުކަމްބާ ސިސްޓަމުތަކުން 66 ކިލޯ އުފެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން ސަރުކާރުގެ އަމާޒަކީ ވާޓިކަލް ފާމިން ހިންގާ ރަށްރަށުގައި 1000 އަކަފޫޓުގެ ގްރީން ހައުސްއެއް ޤާއިމްކޮށް ކޮންމެ ގްރީން ހައުސްއެއްގައި ހަތަރު އެރޮޕޯނިކްސް ސިސްޓަމާއި 12 ޕައިންއެޕަލް ޓަވަރ ހަރުކުރުމަށް ކަމަށާއި، ބޮޑަށް އަމާޒު ކުރަނީ ފަތްޕިލާވެލީގެ ބާވަތްތައް އިންދުމަށް ކަމަށް ވިޝާމާ މިއަދު ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގައި 7،600 ދަނޑުވެރިން ތިބި އިރު އޭގެ ތެރެއިން 55 ޕަސެންޓަކީ އަންހެނުން ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން