މަޖިލިސް އިންތިހާބަށްފަހު، މަޖިލީހަށް ހޮވިވަޑައިގަތް ޕީއެންސީގެ މެމްބަރުންނަށް މަރުޚަބާ ދެންނެވުމަށް ކުރިއަށްދިޔަ ޚަފްލާގެ ތެރެއިން.
މަޖިލިސް އިންތިހާބަށްފަހު، މަޖިލީހަށް ހޮވިވަޑައިގަތް ޕީއެންސީގެ މެމްބަރުންނަށް މަރުޚަބާ ދެންނެވުމަށް ކުރިއަށްދިޔަ ޚަފްލާގެ ތެރެއިން.
ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕާލިމެންޓްރީ ގްރޫޕްގެ މަޤާމްތަކަށް ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށައެޅުއްވި ނަންތައް ހުށައެޅުއްވިގޮތަށް ފާސްކޮށްފިއެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕާލިމެންޓްރީ ގްރޫޕްގެ ރަސްމީ ބައްދަލުވުމެއް މިއަދުވަނީ ބާއްވާފައެވެ. ޕީއެންސީ އިން ބުނީ މިއަދު ބޭއްވި މިބައްދަލުވުމުގައި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕީޖީގެ މަޤާމްތަކަށް ހުށައެޅުއްވި ނަންތައް ހުށައެޅުއްވިގޮތަށް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާކަމަށެވެ.

އެގޮތުން 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް، ފޮނަދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އަދި 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސަކަށް ދިއްގަރު ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރު އަޙްމަދު ނާޒިމް ހަމަޖެއްސެވުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން، ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމަށް އިނގުރައިދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރު އިބްރާހީމް ފަލާޙް، އަދި ޕާލަމަންޓްރީ ގްރޫޕްގެ ސީނިއަރ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ބާރަށު ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހީމް ޝުޖާޢު ހަމަޖެއްސެވުމަށް ވަނީ ފާސްކޮށްފައެވެ.

ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ މިއަދުގެ ބައްދަލުވުމުގައި، ޕާލަމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ހުށައަޅާފައިވާ، މަހިބަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަޙްމަދު ޠާރިޤާއި، ހުޅުދޫ ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު ޝާޙިދާއި، ވިލިމާލެ ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު އިސްމާޢީލް ގެ ނަންވެސް، ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ޕީއެންސީ ޕީޖީގެ މިއަދުގެ ނިންމުމާއިއެކު ޕީޖީގެ ޗީފް ވިޕްގެ ގޮތުގައި ހަމަޖެއްސީ ދުވާފަރު ދާއިރާއަށް އިންތިޚާބީ މެންބަރު މުޙައްމަދު ޢަލީ އެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕާލިމެންޓްރީ ގްރޫޕްގެ މަޤާމްތަކަށް ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ނަންތައް ފުރަތަމަ ހުށައަޅުއްވާފައިވަނީ މިދިޔަ ބުދަ ދުވަހު ރައީސް ޑރ. މުއިއްޒުއާއި އެކު ޕީއެންސީގެ އިންތިހާބީ މެމްބަރުން ބޭއްވި ބައްދަލުވުމެއްގައެވެ. ރައީސް ޑރ. މުއިއްޒު ހުށައެޅުއްވި ހުރިހާ ނަންފުޅެއް، އެބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ވެސް ވަނީ ފާސްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން