ޣައްޒާގެ ރަފާގެ ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުން ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގެ ޝިކާއަރަކަށް ވެފައިވާ ފަލަސްތީނުގެ މައުސޫމް އެތައް ރައްޔިތުންތަކެއް ހިމާޔަތް ހޯދައިގެން ތިބި ކޭމްޕަކަށް ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އާންމުންނަށް ސީދާ އަމާޒު ކޮށްގެން ގަސްދުގައި ހިންގާ މިފަދަ އަނިޔާވެރިކަމާއި ނަސްލު ނައްތާލުމުގެ އަމަލުތަކަކީ އިންސާނީ ހައްގުތައް ރައްކާތެރި ކުރާ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއްކަން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ފާހަަގަކޮށްފައިވެއެވެ.

ދިވެހި ސަރުކާރުން ނެެރުނު ބަޔާނުގައި ރަފާގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ ހުރިހާ ހަރަކާތްތަކެއް ވަގުތުން ހުއްޓާލުމަށާއި ޣައްޒާގައި ނަސްލު ނައްތާލުމާއި މައުސޫމް ރައްޔިތުންގެ ފުރާނައަށް ނުރައްކާ ނުވާނެކަން ކަށަވަރުކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރެފައިވާ އަމުރުތަކަށް ފުރިހަމަ އަށް ތަބާވުމަށް އިޒްރޭލަށް ވަނީ ގޮވާލައިފައެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމަށް ރާއްޖޭން އަބަދުވެސް ވަކާލާތުކުރާ ކަމުގެ ޔަގީންކަން ދީފައި ވެއެވެެ.

އިޒްރޭލުން ރޭގެ ވަގުތެއްގައި ރަފާ ސިޓީގެ ރެފިއުޖީ ކޭމްޕަކަށް ދިން ވައިގެ ހަމަލާއެއްގައި 45 މީހަކު ވަނީ ޝަހީދު ވެފަ އެވެ. އެ ހާދިސާގައި 200 އަށް ވުރެ ގިނަ މީހުން ޒަހަމް ވެފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން