ގެއްލުންބޮޑުވެ އިންޑިއާގެ ޓްރެވަލް އެޖެންޓް، އީޒްމައިޓްރިޕުން ރާއްޖެއަށް އަލުން ބުކިން ހަދައިދޭން ފަށައިފި އެވެ.

ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ސޯޝަލް މީޑިއާގައި އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެން އީޒްމައިޓްރިޕުން ރާއްޖެއަށް ބުކިންތައް ހުއްޓާލީ މިދިޔަ ޖެނުއަރީ މަހު އެވެ. އެއީ "އެންމެ ފުރަތަމަ" ގައުމަށް އިސްކަން ދިނުމަށް ކަމަށް ބުނެއެވެ.

ނަމަވެސް މިހާރު ވަރަށް ސިއްރު ސިއްރުން ރާއްޖެއަށް އަލުން ބުކިންތައް ހަދައިދޭން އެކުންފުނިން ވަނީ ފަށައިފަ އެވެ. އެކަމަކު އަލުން ބުކިން ހަދައިދޭން ފެށިކަމެއް އިއުލާނެއް ވެސް ނުކުރެއެވެ.

އެވަރުންވެސް އެ ޓްރެވަލް އެޖެންޓްގެ ކޯ ފައުންޑާ ނިޝާންތު ޕީޓީ ވިދާޅުވީ އަދިވެސް އޮތީ ރާއްޖެ ބޮއިކަޓްކޮށްފައި ކަމަށެވެ. އަދި އެ ނިންމުން ބަދަލުކޮށްފިނަމަ އެކަން އިއުލާންކުރާނެ ކަމަށް އޭނާ ބުނެއެވެ.

އަލުން ބުކިން ހަދައިދޭން ފެށިކަން އެނގުނީ އިންޑިއާގެ ސޯޝަލް މީޑިއާ އިންފްލުއެންސަރުން އެ ވާހަކަ ދައްކަން ފެށުމުން ނެވެ. އަދި "ފުރަތަމަ ގައުމު" އޭ ބުނި މީހުން މިހާރު މި އަމަލުކުރަނީ ކިހިނެއްތޯ އަހައި ވަނީ ސުވާލު އުފައްދައިފަ އެވެ.

އެކުންފުނިން ރާއްޖެއަށް އަލުން ބުކިން ހަދައިދޭން ފެށި ވާހަކަތައް އިންޑިއާގެ މަޝްހޫރު ހިންދުސްތާން ޓައިމްސްފަދަ ނޫސްތަކުން ވެސް ވަނީ ގެނެސްދީީފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި އަަހަރުގެ މާޗް ކުއާޓާގައި އީޒްމައިޓްރިޕަށް 15 ކްރޯޑް ރުޕީސްގެ ގެއްލުން ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރު އެ މުއްދަތުގެ ތެރޭގައި 31 ކްރޯޑްގެ ފައިދާވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން