މިއަދު ފެށި 20 ވަނަ މަޖިލީހުގެ މެމްބަރު ޑިމޮކްރަސީއާއި ގާނޫނު އަސާސީގެ ތެރޭގައި ތިބެ މަސައްކަތް ކުރައްވާނެކަމަށް އުއްމީދުކުރައްވާ ކަަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ވިހިވަނަ މަޖިލީހަށް ހޮވިވަޑައިގެންނެވި 93 މެމްބަރުން ހުވާ ކުރެއްވީ މިއަދު އެވެ.

ރައީސް ސޯލިހު މިއަދު އެކްސްގައި ވަނީ އެ ހުރިހާ މެމްބަރުންނަށް ވެސް ތަހުނިޔާ ވިދާޅުވެފަ އެވެ.

މެންބަރުންނަށް ރައްޔިތުން ހަވާލުކުރެއްވި މުހިއްމު ވާޖިބް އެންމެ ފުރިހަމައަށް އަދާކުރައްވައި ޤާނޫނު އަސާސީއާއި ޑިމޮކްރަސީގެ ރިވެތި އުސޫލްތަކުގެ މަތީގައި ދެމިތިއްބަވާވެނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"[މެމްބަރުން] ޤައުމަށާއި ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގައި އުއްމީދު ކުރަން." އެމަނިކުފާނު ވިދާޅުވި އެވެ.

ނިމިގެން ދިޔަ މަޖިލީހުުގެ ސުޕަ މެޖޯރިޓީ އެންމެ ފުރަތަމަ އޮތީ އެމްޑީޕީގަ އެވެ. ނަމަވެސް އެ ޕާޓީ ދެބައިވެ ޑިމޮކްރެޓްސްއަށް ބައެއް މެމްބަރުން ބަދަލުވުމާއި ރިޔާސީ އިންތިހާބުގެ ފަހުން އެމްޑީޕީގެ މެމްބަރުންތަކެއް ޕީއެންސީއަށް ސޮއި ކުރުމުން އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ގެއްލުނެވެ. ނަމަވެސް އެންމެ ގިނަ މެމްބަރުން ދެން ވެސް ތަމްސީލުކުރައްވަމުން ގެންދެވީ އެމްޑީޕީއިން އެވެ.

މި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ޕީއެންސީގަ އެވެ. މި މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގެ އެންމެ 12 މެމްބަރުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން