Ihulaastheri kamaa eku hunnaan
Ihulaastheri kamaa eku hunnaan
ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރެއްވުމުގައި އިޚުލާސްތެރިކަމާއި ތެދުވެރިކަމާއެކު ވަރުބަލިވުމެއްނެތި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްވައިފިއެވެ.

މިއަދު ހުވައިކުރި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ފޮނަދޫ ދާއިރާގެ މެމްބަރުން އަބްދުއްރަހީމް ވަނީ އިންތިހާބުކޮށްފައެވެ. އަބްދުއްރަހީމް އެމަގާމަށް އިންތިހާބުކޮށްފައިވަނީ މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 71 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. 

އަބްދުއްރަހީމަށް މަޖިލީހުގެ ރައީސްކަން ދެއްވުމަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕަށް ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެ ހުށައެޅުއްވުން އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ފާސްކޮށްފައެވެ.

މީގެ ކުރިން ދެ ދައުރެއްގައި މަޖިލީހުގެ މެމްބަރު ކަން ކުރެއްވި ޢަބުދުއްރަޙީމް މަޖިލިސް ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އޭނާ އިންތިޚާބުކުރެއްވުމަށް ހުށަހެޅުއްވީތީ ރައީސް ޑރ. މުޢިއްޒަށް "ހިތުގެ އެންމެ ފުންމިނުން އިހުތިރާމާއި ލޯތްބާއެކު ހުސްވުމެއް ނެތް ޝުކުރު" އަދާކުރަށްވާފައެވެ.

އަދި މަޖިލީހުގެ ރައީސްކަމަށް އޭނާ އިންތިޚާބުކުރެއްވުމަށް ވޯޓުދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވައި ލ. ފޮނަދޫ ދާއިރާގެ މެންބރުގެ މަޤާމަށް އޭނާ އިންތިޚާބުކޮށްދެއްވީތީ އެ ދާއިރާގެ ހުރިހާ ރައްޔިތުންނަށްވެސް އަބްދުއްރަހީމް ޝުކުރު އަދާކުރެއްވިއެވެ. އެއަށްފަހު އަބުދުއްރަޙީމް ވަނީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރެއްވުމުގައި ވަރުބަލިވެވަޑައިގަތުމެއް ނެތި ދެމިހުންނަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

އަބްދުއްރަހީމަކީ ޕީޕީއެމްގެ ނައިބުރައީސްކަމާއި، ޕީއެންސީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެެވެ. ފާއިތުވި ފަސް އަހަރު އިދިކޮޅު ސިޔާސީ ހަރަކާތްތައް އިންތިޒާމުކުރައްވައި ޕީޕީއެމް/ޕީއެންސީގެ މަސައްކަތްތައް ކުރިއަށްގެންދެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ލީޑަރަކީ ވެސް ޢަބުދުއްރަޙީމެވެެ. އަބްދުއްރަހީމް މިހާތަނަށް ހުންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން