ތަރައްޤީގެ ރޮނގުން އާ އުސްމިންތަކަށް ވާސިލުވުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމްތަކެއް ހަމަޖައްސަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން، އެންޓީގާ އެންޑް ބާބިޔުޑާގައި މިހާރު ކުރިއަށްދާ 4 ވަނަ ސިޑްސްގެ ހަވާސާގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޑްސްގެ ޤައުމުތަކަށް ތަރައްޤީއާއި ކްލައިމެޓް ފައިނޭންސް ފޯރުކޮށްދިނުމަށް މީގެކުރިން ބޭއްވި އެތައް ކޮންފަރެންސެއްގައި ބައިނަލްއަޤްވާމީ މުޖްތަމައުއިން ވައުދުވިޔަސް، މިދިޔަ 20 ވަރަކަށް އަހަރުތެރޭގައި ސިޑްސްގެ ޤައުމުތަކަށް ލިބެމުންދިޔަ އެހީ ވަނީ މަދުވާން ފަށާފައިކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖެއާއެކު ސިޑްސްގައި ހިމެނޭ ގިނަ ޤައުމުތަކެއް އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ކުރިއަށް ޖެހިލާފައިވާއިރު، އެކަމުގެ ސަބަބުން ބައެއް ދަތިތައްވެސް ކުރިމަތިވެފައިވާކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފައިނޭންސް ހޯދުމުގައި އުފުލަންޖެހޭ ބުރަބޮޑުކަމުގެ ސަބަބުން، ޤައުމުތަކުގެ މާލީ ހާލަތު ގޯސްވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަންކަމުގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުން މަޑުޖެހި، އެތައް ދަތިތަކެއް ކުރިމަތިވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާބޮޑު ބުރަތަކެއް އުފުލުމެއް ނެތި މާލީ އެހީތެރިކަން ލިބިއްޖެނަމަ ތަރައްޤީގެ ރޮނގުން ކުރިއަށްދިއުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށެވެ. އެހެންކަމުން އިންޓަރނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗަރއަށް ބަދަލުތަކެއް ގެނެސް، ފަސޭހައިން ފައިނޭންސް ލިބޭނެ ގޮތްތަކެއް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ. އަދި ސިޑްސްގެ ޤައުމުތަކަކީ އެހީ ހޯދަން އުޅޭ ޤައުމުތަކެއްގެ ގޮތުގައި ނުދެކި، ތަރައްޤީގެ ބައިވެރިންގެ ގޮތުގައި ދެކެންޖެހޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން