ފަލަސްތީނުގެ މައްސަލައިގައި ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުނުވާ ކަމަށާއި އެއީ ދިވެހި ރައްޔިތުން ހިތާ އެންމެ ބޮޑަށް ގުޅިފައިވާ މައްސަލަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެެވެ.

މިއަދު ރަައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މިހާތަނަށް ބައިނަލްއަގުއާމީ މުޖުތަމައުގައި އެންމެ ބޮޑަށް އަޑުއުފުލަމުންދަނީ ދިވެހި ރާއްޖެއިން ކަމަށެވެ. އެގޮތުން ރައީސް މުޢިއްޒު ސިޑްސްގައި ދެއްވި ތަގުރީރުގައި ފަލަސްތީނުގައި އިސްރާއިލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައްވާފައިވާ ކަމަށާއި ފަލަސްތީނުގެ މައްސަލައަކީ ދިވެހި ރައްޔިތުންގެ ހިތާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މައްސަލަ ކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ ފަލަސްތީނުގެ މައްސަލައިގައި ދިވެހި ސަރުކާރުގެ ސްޓޭންޑަށް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ.

"ދިވެހި ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ދިވެހި ރާއްޖެއިން އޮތީ ތައްޔާރަށް،" އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުން ލަސްވާ ސަބަބާއި ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވިއެެވެ.

ދިވެހި ސަރުކާރުން މިހެން ބުނެފައިމިވަނީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަކީ ދެ ގައުމެއްގެ މެދުގައި އޮތް ކަމެއް ކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވުމާ ގުޅިގެން އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފަައިވާ ދަނޑިވަޅެއްގައެެވެ.

"އިޒްރޭލުގެ މައްސަލާގައި އެ މައްސަލައަކީ ތި ބޭފުޅުން އެނގިވަޑައިގަންނަވާނެ ހަމަ ވަރަށް ބޮޑު ފޮރިން ދެ ގައުމެއްގެ ދޭތެރޭ ހިނގާ، މައްސަލަތަކެއް. އެ ކަންކަމުގެ ސަރުކާރުން އެންމެ ވިސްނާފައި ފޮނުވާ ގޮތަކަށް، އެންމެ ރައްޔިތުންނަށް ގައުމަށް ފައިދާ ހުރި ގޮތަކަށް އިރާދަކުރެއްވިއްޔާ ނިންމަން ޖެހޭ ކަންކަން ނިންމާނަން." އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްރާއިލްގެ ޕާސްޕޯޓް މަނާކުރުމާއި ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފަލާޙް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން