ޕީއެސްއެމް ހިންގުމާއި ހަވާލުވެ ވަޑައިގެންނެވިއިރު ކުންފުނީގެ ދަރަނި ހުރީ 261 މިލިއަން ރުފިޔާއަށް ވުރެ މަތީގައި ކަމަށް ޕަބްލިކް ސާރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރް ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސާރވިސް މީޑިއާގެ ދަރަނީގެ ތަފްސީލަތަކަށް ބަލާއިރު ސަރުކާރު އިދާރާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 122 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ޒީނާ ވިދާޅުވިއެވެ. އަދި އަމިއްލަ ކުންފުނިތަކާއި ފަރާތްތަކަށް 27 މިލިއަން ރުފިޔާ، ބޭރުގެ ކުންފުނިތަކަށް 25 މިލިއަން ރުފިޔާ އަދި ލޯނުގެ ގޮތުގައި 87 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ޒީނާ ވިދާޅުވިއެވެ. މި ވަގުތު ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދަރަނި އިންތިހާއަށް ބޮޑުވެފައި އޮތުން ކަމަށް ޒީނާ ވިދާޅުވިއެވެ.

ދަރަނީގެ ތެރެއިން މިހާތަނަށް 9 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދައްކާފައިވާކަން ޒީނާ ފާހަގަ ކުރެއްވިއެވެ.

ހަރަދު ކުޑަ ކުރުމުގެ ގޮތުން ދުވަހުން ދުވަހަށް ކުރާ ހަރަދުތައް 20 އިންސައްތަ ކުޑަކޮއްފައިވާނޭ ކަމަށް ވެސް ޒީނާ ވިދާޅުވިއެވެ. އަދި ބައެއް ބްރޮޑްކާސްޓިން އަދި ލައިސެންސް ފީތައް ނުދައްކާތީ އަރަމުންދިޔަ ޖޫރިމަނާތައް ހުއްޓުވުމަށް ބައެއް ލައިންސެންސްތައް ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒީނާ ވިދާޅުވި ގޮތުގައި މިވަގުތު ކުރަނީ ހަމައެކަނި ކުރަން ޖެހޭ ހަރަދުތައް އެކަންޏެވެ. ހަރަދު ކުޑަކޮށް، އާމްދަނީ އިތުރު ކުރާނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި އެކަމަށް ދުރު ރާސްތާގެ މާސްޓާ ޕްލޭނެއް ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

500 އެއްހާ މުވައްޒަފުންނާއެކު ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ހިންގަން ކޮންމެ އަހަރަކުވެސް ބަޖެޓުން ބޮޑު ހޭދައެއް ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން