ވިނަރެސް ފުލެޓުގެ އާންމު ސަރަހައްދުތަކުގައި ބަހައްޓައިފައި ހުރި ތަކެތި ނަގަން އެޗްޑީސީން އަންގައިފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ވަނީ ވިނަރެސް ފުލެޓުގެ އާންމު ސަރަހައްދުގައި އެއްޗެއް ބަހައްޓައިފައިހުރި ނަމަ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އެތަކެތި ނަގަން އަންގާފަވެ. އެޗްޑީސީން ބުނީ ވިނަރެސް ޓަވަރުގެ ވަކި ޔުނިޓުތަކުގައި ހިފާ ގެންގުޅޭ ތަކެއްޗާއި ކުނީގެ ބާވަތްތައް ޔުނިޓު ބޭރުގައި، އާންމު ސަރަހައްދުގައި ބަހައްޓައިފައި ހުރުމުން އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓައި އާންމު ބައިތައް ސާފުކޮށް އެހެން ޚިދުމަތްތައް ފޯރުކޮށްދޭން ދަތިތަކެއް ކުރިމަތިވާ ކަމަށެެވެ.

ވިނަރެސް އަކީ ވަކި ޔުނިޓުތަކެއްގައި ތަފާތު ގޭބިސީތަކެއް ދިރިއުޅޭ އިމާރާތަކަށްވާތީ އެ ކަމުގެ ސަބަބުން އަވައްޓެރި ފުލެޓަށް އުނދަގޫވެދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ނެރުނު ބަޔާނުގައިވެއެވެ.

އެބަޔާނުގައި ބުނިގޮތުގައި އިމާރާތުގެ އާންމު ބައިތައް ހަމަހަމަ އުސޫލެއްގެ ދަށުން ބޭނުންކުރެވުމަކީ އިމާރާތުގައި ހިއްގައިމު އަދި ރައްކާތެރި މާހައުލެއް ބިނާކުރަން ވަރަށް މުހިންމު ކަމެކެވެ. އެހެންވެ އިމާރާތުގެ އާންމު ތަންތަނާއި ވަސީލަތްތައް ބޭނުން ކުރުމާ ގުޅޭ ގޮތުން ޝާއިއު ކޮށްފައިވާ ޤަވާއިދަށް ތަބާވުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ.

އަދި އެގޮތަށް އަމަލު ނުކުރާނަމަ އުސޫލުގެ މަތިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ބަޔާނުގައި ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން