އެއް އުޅަނދަށްވުރެ އިތުރަށް މާލޭގައި އެއްގަމު އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކުން ބާ އުޅަނދުތައް ދޫކޮށްލެވޭގޮތަށް ހާއްސަ ޕްރޮގްރާމެއް ރާވަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތްތައް ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ރާވަމުންދާކަމަށެވެ.

އެގޮތުން، މާލޭގައި އަމިއްލަ ބޭނުމަށްވުރެ ގިނައިން އުޅަނދު ގެންގުޅޭ ފަރާތްތަކުން އެމީހުން ބޭނުންވާނަމަ އެ އުޅަނދު ދޫކޮށްލެވޭގޮތަށް ”ބައިބެކް" ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާކަމަށާއި އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ގިނަ ބަޔަކު ތިބި ކަމަށް އަމީން ވިދާޅުވި އެވެ.

އެގޮތުން އެ މިނިސްޓްރީން ކުރި ސާވޭއަކުން ދައްކާގޮތުގައި ބާ ވެހިކަލް ދޫކޮށްލަން ބޭނުންވާ 8 އާއި 12 އިންސައްތައާއި ދެމެދު ގެ އަދަދެއްގެ މީހުން އެބަތިބިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ބައި ބެކް ޕްރޮގްރާމަކީ ސަރުކާރުން އަންނަ ހަފްތާގައި ކެބިނެޓަށް ހުށަހަޅަން ނިންމާފައިވާ "މާލެ ފަހި" ޕްރޮގްރާމްގެ ދަށުން އަންނަ ޕްރޮގްރާމެއް ކަމަށާއި އެ ޕްރޮގްރާމްގެ ދަށުން ބައިބެކް ޕްރޮގްރާމާއި، ޕާކިން ބިލްޑިންގްތަކާއި އެކަމާ ގުޅުންހުރި އެތައް މަސައްކަތެއް ކުރާނެ ކަމަށާއި ބައިބެކް ޕްރޮގްރާމްގެ ސަބަބުން ވެހިކަލް އިތުރުވާ މިންވަރު މަދުވެ ހެޔޮ ބަދަލެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން