ރާއްޖެއަކީ ގޭންގް ހަދައިގެން ކުށް ކުރަމުންދާ ވެއްޓެއްގެ ގޮތުގައި އޮތް އޮތުން ބަދަލު ކުރުމަށް ވަރަށް ބޮޑަށް ބޭނުންވާކަމަށާއި އެކަމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކޮށްދިނުމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވީ، މިރޭ އޮތް 36 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ، ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަމާން މާހައުލެއް ހޯދައިދިނުމަކީ އަދުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. އެހެންކަމުން އެފަދަ ވެއްޓެއް ގާއިމު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އަދި ކުށްކުރުން މަދުކޮށް، ކުށަށް އަރައިގަންނަ މީހުންގެ މައްސަލަ އަވަހަށް ތަހުގީގުކޮށް ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ އެންމެ މުހިންމު މަސައްކަތެއް ކުރާ ބަޔަކީ ފުލުހުން ކަމަށާއި އެހެންކަމުން އެކަމުގައި ހުރިހާ ފުލުހުންވެސް މަސައްކަތް ކޮށްދިނުމަށް އިހުސާން އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުންނާއި ސަރުކާރުން ފުލުހުންގެ ފަރާތުން އެދޭ ވަރަށް ގިނަ ކަންކަމާއި ފޮނި އުއްމީދުތަކެއް އެބަ ހުރި ކަމަށާއި އެގޮތުން ރާއްޖެއަކީ މަސްތުވާތަކެތިން އެއްކޮށް ސަލާމަތް ކުރެވިފައިވާ މުޖުތަމައު އަކަށް ހެދުމާއި، ރާއްޖެއަކީ ގޭންގް ހަދައިގެން ކުށް ކުރަމުންދާ ވެއްޓެއްގެ ގޮތުގައި އޮތް އޮތުން ބަދަލު ކުރުމާއި، ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ގާނޫނީ އިމަށް ގެނައުމަށް އެހީތެރިވުމަކީ މީގެ ތެރެއިން އެންމެ މުހިންމު ކަންކަން ކަމަށް ވިދާޅުވިއެވެ.

ވަޒީރުވަނީ މިކަންކަން ހާސިލު ކުރުމަށް ފުލުހުން ކުރާ މަސައްކަތުގައި ފުރިހަމަ އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން