ސްމޯލް އައިލެންޑްސް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އިން ކޮންމެ 10 އަހަރަކު ބާއްވަމުންދާ ބައްދަލުވުމުގައި ފާއިތުވި 30 އަހަރު ރާއްޖޭގެ ވެރިއަކު ބައިވެރިވެވަޑައިނުގަތުމަކީ ރާއްޖެއަށް ލިބުނު ދެރައެއް ކަމަށް އެންވަަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިހާރު އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ސިޑްސްގެ ބައްދަލުވުމުގައި ރާއްޖެއިން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެެެވެ. ނަމަވެސް ފާއިތުވި 30 އަހަރު އެ ބައްދަލުވުުމުގައި ރާއްޖޭގެ ވެރިއަކު ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. ރާއްޖޭގެ ވެރިއަކު ސިޑްސްގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވީ 1994 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ތޯރިގު ފޭސްބުކްގައި ވިދާޅުވީ 30 އަހަރު ރާއްޖޭގެ އެންމެ މަތީ ވެރިއަކު އެ ޖަމާއަތުގެ މަހާސިންތާގައި ރާއްޖެ ތަމްސީލުކުރައްވަން ބައިވެރިވެވަޑައި ނުގަންނަވާ އޮތުމަކީ ގައުމަށް ލިބުނު ދެރައެއް ކަމަށެވެ.

ނަމަވެސް ރައީސް މުއިއްޒު އިސް ނަންގަވައި، 30 އަހަރަށްފަހު 'ސިޑްސް 4' ގެ މަހާސިންތާގައި ދިވެހީންގެ އަޑު އުފުއްލަވަން ވަޑައިގެންނެވުމަކީ ގައުމަށް ލިބުނު އުފަލަކާއި ފަހުރެއް ކަމަށެވެ.

"އަދި މިފަހަރު މި ފެންނަނީ މީގެކުރީން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ދިވެހީންގެ އަޑު އުފުއްލެވުމުގައި މަސައްކަތްކުރައްވާފައި ނުވާވަރަށް، ރެޔާދުވާލު ދިވެހީންގެ މަޞްލަޙަތުގައި ރައީސް ޑރ. މުޢިއްޒު މަސައްކަތްކުރައްވަވާތަން.

ރައީސް ޑރ. މުޢިއްޒުގެ ވިސްނުންފުޅާ، މަސައްކަތްޕުޅާ، ހަރުދަނާ ހުށަހެޅުއްވުންތައް މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ ލީޑަރުންނާ އެކި ދާއިރާތަކުގެ ތަޖްރިބާކާރުންނާ، އިލްމުވެރީންނާ، ވިޔަފާރިވެރީން ވަނީ ވަރަށް އިހުތިރާމާއެކު ބަލައިގެންފައި. 30 އަހަރަށް ފަހު، ގައުމުދެކެ ލޯބިވާ ހިތްވަރުގަދަ ލީޑަރެއްގެ އަގުހުރި ހިންމަތާ މިންނަތުގެ ހެޔޮ ނަތީޖާ، މި މަހާސިންތާގެ ސަބަބުން ދިވެހީންނަށް ހާސިލުވާނެކަމާ މެދު ޝައްކެއްނެތް." ތޯރިގު ވިދާޅުވި އެވެ.

ސިޑްސްގެ އެހެން ގައުމުތަކަކީވެސް ކްލައިމެޓް ޗޭންޖު ފަދަ ނުރައްކާތަކާ ކުރިމަތިވެފައިވާ ގައުމުތަކަށްވާ އިރު އެފަދަ މައްސަލަތަކާއި އަދި އެކަމަށް ފަންޑު ހޯދުމާ ގުޅޭ ކަންކަމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވަނީ މި ފަހަރުގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން