ނިމިގެން ދިޔަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގުވާމީ މަހާސިންތާ (ސިޑްސް)ގައި ބާބެޑޯސްގެ ބޮޑުވަޒީރު މިއާ އަމޮރް މޮޓްލީ ކުރެއްވި މަސައްކަތްޕުޅަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ތައުރީފް ކުރައްވައިފި އެވެ.

ސިޑްގެ ބައްދަލުވުން ނިންމަވައިލެއްވުމަށްފަހު ރާއްޖެއަށް އެނބުރިވަޑައިގަތުމަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި ޓްރާންސިޓްކޮށް ބާބެޑޯސްގައި ރައީސް މުއިއްޒު މަޑުކޮށްލެއްވުމުން، ބާބެޑޯސްގެ ބޮޑުވަޒީރާއި އެ ގައުމުގެ ސަރުކާރުގެ ފަރާތްޕުޅުން ޚާއްސަ މެހެމާންދާރީއެއް ވަނީ އަދާކުރައްވައިފައެވެ.

ރައީސް މުޢިއްޒަށް، ބާބެޑޯސްގެ ބޮޑުވަޒީރު، މިއާ އަމޮރް މޮޓްލީ ވަނީ ފޯނުން ގުޅުއްވައި، ޓްރާންސިޓްކޮށް އެ ޤައުމުގައި މަޑުކޮށްލެއްވީތީ މަރްޙަބާއާއި ޝުކުރު ދަންނަވައިފަ އެވެ. އަދި މި ފޯން ކޯލްގައި ސިޑްސްގެ ކާމިޔާބީތަކަށް އަލިއަޅުވައިލެއްވިއެވެ.

މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުން ރައްކައުތެރިވުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ކުދި ޖަޒީރާ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާމެދު ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އަދި ސިޑްސްގައި ބައިނަލްއަގުވާމީ މާލީ އެހީތެރިކަމުގެ ނިޒާމު އިޞްލާޙުކޮށް، ކުދި ޖަޒީރާ ގައުމުތަކަށް ވެދޭ މާލީ އެހީ އިތުރުކުރުމަށް ބާރުއަޅުއްވައި ބާބެޑޯސްގެ ބޮޑުވަޒީރު ކުރެއްވި މަސައްކަތްޕުޅު ހާއްސަގޮތެއްގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކަމަނާގެ އެ މަސައްކަތްޕުޅުގެ ސަބަބުން ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވިކަމުގައި ވިދާޅުވެ، ދިވެހިރާއްޖެއިންވެސް ވަކާލާތުކުރާ އެންމެ މުހިންމު އެއްކަމަކީ މިއީ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

އަދި އެންޓީގާ އެންޑް ބާބިޔުޑާގައި މި ބޭއްވުނު މަހާސިންތާގެ ނިންމުންތައް ތަންފީޒުކުރުމުގައި، ދިވެހިރާއްޖެއާއި ބާބެޑޯސް އިން އެއްބާރުލައިގެން، މި މަސައްކަތް ކުރަމުން ގެންދެވޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް، ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން