ސަރުކާރުގެ ހިއްސާވާ ކުންފުނިތައް ރިފޯމްކޮށް، ޒިންމާދާރު ކުރުވަން ސަރުކާރުން ބޭނުންވާ ކަމަށް މިނިސްޓަރ އޮފް ފިނޭންސް ޑރ މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިނގެ ބައްދަލުވުމެއްގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ އާއި ބެހޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން ކޮންމެ ފަހަރަކުވެސް މަސްވެރިންނަށް ފައިސާ ދޭ ގޮތަށް ބަދަލުކޮއްފިއްޔާ ކުންފުނި ޒިންމާދާރު ނުވާނެ ކަމަށެވެ. އަދި މިވަގުތު ކުންފުނިތަކުގެ ހާލަތު ހުރިގޮތުން މިހާރު އެކަން ކުރެވުމުންނުދާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ގިނަ އިގްތިސާދު ތަކަށް ގެއްލުން ވެގެންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ޒިންމާދާރު ނުވާތީ ކަމަށް މިނިސްޓަރ ހާމަ ކުރެއްވިއެވެ.

މި ގޮތުން ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ލާރި ދިނުމުގައި ސަރުކާރުގެ އެހީތެރިކަން ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާ އެއްކޮށް އެކަމާއި ގުޅޭ ކުންފުނި ޒިންމާދާރު ކުރުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވީހާވެސް އަވަހަކަށް ބަދަލުތައް ގެނެސް ފައިސާ ދެވޭނެ މަގު ތަނަވަސް ވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މި ފައިސާ މި ލިބެން ޖެހެނީ ދިވެހި ރައްޔިތުންނަށް. ދިވެހި ސަރުކާރުގެ ވަރަށް ބޮޑު ޒިންމާއެއް ދިވެހި ރައްޔިތުންނަށް ހަމަޖެހުން ހޯދާދިނުމަކީ، ދިވެހި ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދާ ދިނުމަކީ، ދިވެހި ރައްޔިތުން ބިކަވިޔަނުދީ ސަލާމަތް ކުރުމަކީ." ރައްޔިތުންނަށް ދޭންޖެހޭ އެފަދަ ފައިސާ ދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދޫކުރަމުންނެވެ. އެގޮތުން މިހާރު މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން ގާތްގަނޑަކަށް 63 މިލިއަން ރުފިޔާ ދީފައިވާކަމަށް މިފްކޯއިން ހާމަކޮއްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން