މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ޙައްލެއް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީން) ހާމަކޮށްފިއެވެ.

އާރުޑީސީން ބުނީ މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ޙައްލެއް ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫޢުގެ ފުރަތަމަ ފޭސް މަސައްކަތުގެ ދަށުން ކުރަމުންދާ ބޮޑެތި މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ނިމެމުން ދާކަމަށެވެ.

"މި މަޝްރޫޢުގެ މަސައްކަތުގެ ދަށުން، ހަވީރީ ހިގުމާއި ކަނބާ އައިސަރަނި ހިނގުން ގުޅޭ ސަރަހައްދާއި ވެސްޓްޕާކް ސަރަހައްދު ބަންދުކޮށް، އެމަގުތަކުގެ ކަނެކްޝަންތައް ކަލްވަރޓް ލައިނާއި ގުޅާލުމުގެ މަސައްކަތް ވަނީ ކުރެވިފައި. މީގެ އިތުރުން ބޮޑުތަކުރުފާނު މަގު ހުޅަނގު ކޮޅާއި ހަމައަށް ކަލްވަރޓް ލައިންގެ ކާސްޓިންގގެ މަސައްކަތް ނިމި، މިއަދު ކުރިއަށްދަނީ ބިމުގެ އަޑިން ހަދާ ކަލްވަރޓް ލައިންގެ ކާސްޓިންގގެ މަސައްކަތް ސައިޓުގައި ކުރިއަށް ގެންގޮސް އެ މަސައްކަތްވެސް ވަނީ ނިންމާލެވިފައި." އާރުޑީސީން ބުންޏެވެ.



މީގެއިތުރުން ހަވީރީ ހިގުމާއި ބޮޑު ތަކުރުފާނުމަގާއި ކަލްވަރޓްއާ ގުޅުވާލަދޭ ޖަންކްޝަންތަކުގެ މަސައްކަތް ނިމިފައިވާކަމަށް އާރުޑީސީން ހާމަކޮށްފައިވެއެވެ. އާރުޑީސީން ބުނީ ބޮޑުތަކުރުފާނު މަގާއި ހަވީރީ ހިގުމާއި ކަނބާ އައިސަރަނި ހިނގުން ގުޅޭ ސަރަހައްދާއި ވެސްޓްޕާކް ސަރައްދުން ފެންޖަމާކުރާ ޓޭންކްތައް ބެހެއްޓުމުގެ މަސައްކަތްވެސް ކުރެވިފައިވާކަމަށެވެ.

އަދި މިރޭގެ ވަގުތެއްގައި ބޮޑުތަކުރުފާނުމަގާއި ހަވީރީ ހިގުން ގުޅޭ ސަރަހައްދު ބަންދުކޮށް މި މަޝްރޫޢުގައި ހިމެނޭ ބައެއް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ތައްޔާރުވަމުންދާކަމަށް އާރްޑީސީން ބުނެއެވެ.

މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ދިފާޢީ ވުޒާރާއިން އާރުޑީސީއާ ޙަވާލުކޮށްގެން އަދި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ އެއްބާރުލުމާއެކު މަޝްރޫއެއް ފެށީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން