އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު މަޖިލީހަށް ހުށައަޅާފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

ބިލުގައި ބުނެފައިވަނީ އިޒްރޭލު ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް ނަމަވެސް އިޒްރޭލު ޕާސްޕޯޓެއް އޮތް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

ބިލު ހުށައަޅާ ސަބަބެއްގެ ގޮތުގައި އެބިލްގައި ބުނަނީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންގެންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ނިމިދިޔަ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވީނަމަވެސް، މިހާތަނަށް ވަކި ގޮތަކަށް އަމަލުކޮށްފައިނުވާތީ ގާނޫނަށް އިސްލާހު ގެންނަން ހުށަައެޅީ ކަމަށް އެ ބިލްގައި ބުނެފައިވެއެވެ.

އިޒްރޭލު ޕާސްޕޯޓާއި ޓޫރިސްޓުން ބޮއިކޮޓް ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީން ވެސް މީގެ ކުރިން ވަނީ ބަލާފައެވެ.

އެ މައްސަލަ ހާރިޖީ ކޮމިޓީން ބަލަނިކޮށް، އިޒްރޭލު މީހުން ރާއްޖެއަށް އައުން ހުއްޓުވުމުގެ ނިންމުން ނިންމަވައި ދެއްވަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ވެސް ހުށައެޅިއެވެ. އޭގެފަހުން އިސްރާއިލްގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރަން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުން ގަރާރެއް ވެސް ފާސްކޮށްފައިވެއެވެ. އެހެން ނަމަވެސް އެގަރާރަށް މި ސަރުކާރުން އަމަލު ކޮށްފައެެއް ނުވެއެވެެ.

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ނަމަވެސް އެމްޑީޕީން މިފަފަ ބިލެއް ހުށައަޅައިގެން ފާސްކޮށްފައެއް ނުވެއެވެ. އަދި އިޒްރޭލުން ފަލަސްޠީނުގެ ނަސްލު ނައްތާލުމުގެ އަނިޔާވެރި އަމަލުތައް މިފަހަރު ފެށިއިރު ވެރިކަމުގައި އެމްޑީޕީ އޮވެ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފައެއް ވެސް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން