ސިހުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

ސިހުރު ހެދުމުގެ ނުބައިކަން ފާހަގަކޮށް މިއަދުގެ ހުތުބާގައި ބުނީ ސިހުރަކީ ހަގީގަތެއް ކަމަށެވެ.

ސިހުރުގެ ދެ ބާވަތެއް ހިމެނޭކަން ފާހަގަކޮށް ބުނީ އޭގެން އެއް ބާވަތަކީ، އެކަންކުރާ މީހުންގެ ކުޅަދާނަކަމުން، މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާ އޮޅުވާލުން ކަމަށާއި އަދި އަނެއް ބާވަތަކީ ކެހިވެރިކަމުގެ ދައްކާލުމުގެ ބަދަލުގައި މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރުވުން ކަމަށެވެ.

އެ ދެ ބާވަތުގެ ސިހުރު ހެދުމަށް މީހުންގެ އިސްތަށްޓާއި، ނިޔަފައްޗާއި، ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުން ކުރާއިރު އޭގެ ތެރޭގައި މީހުން މޮޔަކޮށްލާ ސިހުރާއި، ބަލިކޮށްލާ ސިހުރާއި، މަރާލާ ސިހުރާއި، ދެމަފިރިން ރުޅިކުރުވައި އަދި ދުރުކުރުވާ ސިހުރު ވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

ހަމަ އެހެންމެ އެ ކުފުރުގެ އަމަލުކޮށްއުޅޭ މީހުން، ތައުބާވެ، މާތް ﷲ ގެ މަގަށް އެނބުރި ރުޖޫއަވުމަށް ހުތުބާގައި ނަސޭހަތްތެރިވެފައި ވެއެވެ.

"ސިހުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެކެވެ. އެއީ ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ އަމަލެކެވެ. ތިޔަބައިމީހުން ސިހުރުހާހޫރައާ ދުރުހެލިވާށެވެ! އަދި މުސީބާތްތަކުން މިންޖުވުމަށާއި، ބޭނުންވާ ކަންކަމުގައި، އިހުލާސްތެރިކަމާ އެކު މާތް ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަ ވާށެވެ! އެކަލާނގެއީ އަޅުތަކުންގެ ދުއާ އިޖާބަކުރައްވާ ރަސްކަލާނގެއެވެ." މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ސިހުރާއި، ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލާމް ދީނުގައި އަންގަވާފައިވާ ކަމަށެވެ. އެގޮތުން އެންމެ މުހިއްމު ކަމަކީ ފަރްޟު ފަސް ނަމާދަށް ރައްކާތެރިވުން ކަަމަށާއި ދެވަނަ ކަމަކީ ޝައިތާނާގެ ކިބައިން ރައްކާތެރިވުމަށް މާތް الله ގެ ހަޟްރަތުގައި ދުއާ ދެންނެވުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން