ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ކުޅި ބައްލަވަން ހުންނަވާނެ ބޭފުޅެއް ނޫންކަމަށާއި ގުރައުންޑަށް ފައިބައިވަޑައިގަންނަވަން ޖެހިއްޖެ ހާލަތެއްގައި ގުރައުންޑުގައި ވެސް އެމަނިކުފާނު ހުންނަވާނެ ކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ ރައީސް މުޢިއްޒަކީ އެއްވެސް ހާލެއްގައި ކުޅި ބަލަން ހުންނަވާނެ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނަކީ ގުރައުންޑުގައި މަސައްކަތް ކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރައްވާނެ ބޭފުޅެއް ކަމަށެވެ. އަދި ރައީސް މުޢިއްޒު މީގެ ކުރިން ވެސް ރައްޔިތުންނަށް އެ ތަފާތު ދައްކަވާފައިވާ ކަމަށް ބޮޗޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރަށް ދިވެހި ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނީ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނީ އެގޮތް ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވިގެން ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ވެރިކަމުގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެމަނިކުފާނުގެ މައްޗަށް ރައްޔިތުންގެ އިތުބާރު އުފެދިފައިވާ ކަމަށް ބޮޗޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރައީސުލްޖުމުހޫރިއްޔާ އަކީ ކުޅިބަލަން ހުންނަވާނެ ބޭފުޅެއް ނޫން، އެބޭފުޅާ އަމިއްލަ އަށް ގޮސް އުދަލި ހިފައިގެން ކޮންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރަށްވާނެ ބޭފުޅެއް، އެކަން އެބޭފުޅާ ކުރިން ވެސް ވަނީ ސާބިތުކޮށްދެއްވާފައި. ކެބިނެޓް މިނިސްޓަރު ކަމުގައި ހުންނެވިއިރު އެބޭފުޅާގެ ކިބައިން ފެނިގެންދިޔައީ އާދަޔާ ހިލާފަށް ތަފާތުކޮށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައި. ގުރައުންޑަށް ފައިބަން ޖެހިވަޑައިގަންނަވާ ވަގުތު ގުރައުންޑަށް ފައިބާ ބޭފުޅެއްގެ ގޮތުގައި. މިހާރު ވެސް އެބޭފުޅާގެ މަސައްކަތް ފެންނާނީ އެގޮތަށް،" ރައީސް މުޢިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން މެމްބަރު ރިފާއު ވިދާޅުވިއެވެ.

މީގެ އިތުރުން ރިފާއު ވިދާޅުވީ ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގުމަށް ކަން ކުރާނެ ގޮތާއި ފައިސާ ހޯދާނެ ގޮތާއި އިގްތިސާދުކުރާނެ ގޮތް މި ސަރުކާރަށް އެނގޭ ކަމަށެވެ. އަދި އެކަން މި ސަރުކާރުން ސާބިތުކޮށްދީފައިވާކަމަށް ރިފާއު ވިދާޅުވިއެވެ. ރާއްޖޭގެ ރަށްރަށުގައި ހުއްޓިފައި ހުރި އެތައް ޕްރޮޖެކްޓްތަކެއް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް ރިފާއު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ފައިސާ ހޯދަންޖެހޭ ކަންކަމަށް ފައިސާ ހޯދާނެ ގޮތް ވެސް މި ސަރުކާރަށް އެނގޭނެ، އެ ފައިސާ ހޯދައި އިގްތިސާދުކޮށްގެން ބޭނުންވާ ސްޕީޑްގައި އެކަން ކުރަން ވެސް މި ސަރުކާރަށް އެނގޭނެ،" ރިފާއު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން