ފޮރިން މިނިސްޓަރު ޒަމީރު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ އަންނަ ހޯމައިން ބުރާސްފައްޗަށް ކަމަށެވެ.

މިއީ ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީގެ ދައުވަތަަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. މިއީ މިނިސްޓަރު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ވެސް މެއެވެ.

އެ ދަތުރުފުޅުގައި ލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. އޭގެ ތެރޭގައިި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގްހެ އާއި ބޮޑުވަޒީރު، ޑިނޭޝް ގުނަވަރދެނާ ހިމެނެއެވެ.

އޭގެ އިތުރުން ލަންކާގެ ފޮރިން މިނިސްޓްރާ ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބާއްވާނެކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ. މިބައްދަލުވުން ތަކުގައި ރާއްޖެއާއި ސްރީލަންކާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން ހަރުދަނާ ކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދާ ދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން