ރާއްޖޭގައި ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ދުންފަތާ ގުޅުން ހުރި ބަލިތަކުގައި މީހަކު މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާކޮށްފި އެވެ.

މިއަދު ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާާލުނުކުރާ ދުވަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ދުންފަތުން އިންސާނާގެ ސިއްހަތަށް ލިބޭ ގެއްލުން ދިރާސާތަކުން ސާބިތުވެފައިވާ ކަމަށެވެ.

ހަމަ އެހެންމެ ދުންފަތުގެ ދުމުން ދުންފަތުފެ އިސްތިއުމާލު ނުކުރާ މީހުންނަށް ވެސް ގެއްލުން ލިބޭކަން ފާހަގަކޮށްފައި ވެއެވެ.

އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ފުއްޕާމާގެ ކެންސަރު ޖެހުމުގެ 90 ޕަސެންޓް ރިސްކު އޮންނަ ކަމަށް ވެއެވެ. އޭގެ އިތުރުން ފުއްޕާމެއަށް ޖެހޭ ބަލިތަކާއި ސްޓްރޯކް ހަުކުރު ބަލީގެ ނުރައްކާ ވެސް ދުންފަތުގެ އިސްތިއުމާލުކުރާނަމަ ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ދިރާސާތަކުން ދައްކައެވެ.

"ރާއްޖޭގައި އެވްރެޖުކޮށް ކޮންމެ އަހަރަކު 150 މީހުން (ގާތްގަނޑަކަށް ކޮންމެ ދެ ދުވަހަކުން އެއް ދުވަހު އެކަކު) ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން މަރުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާ ކުރެއެވެ. ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަކީ ވޭންދެނިވި އަދި ދިގު މުއްދަތަކަށް ޖެހޭ ބަލިތަކެކެވެ. އެހެންކަމުން އެއީ ބަލި މީހާއާއި އާއިލާތަކުން އެތައް ހިތްދަތިކަމަކާއި ވޭންތަކެއް ތަހައްމަލުކުރަން ޖެހޭ ބަލިތަކެކެވެ." އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖެއަށް އަހަރާކު 400 މިލިއަން ސިގިރެޓް އެތެރެ ކުރާ ކަމަށެވެ. އަދި އެކަމަށް ކުރާ ހޭދަ 1.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން