ތިލަމާލެ ބުރިޖުގެ މަޝްރޫއު ލަސްވެގެން ދާނެ ކަމަށް ބުނާ ވާހަކަތައް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދޮގުކުރައްވައިފި އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ތިލަމާލެ ބުރިޖުގެ މަޝްރޫއު ލަސްވެދާނެ ކަމަށް ބުނެ މިނިސްޓްރީގެ މަސްދަރުތަކާ ހަވާލާދީ އެކަން ބައެއް ނޫސްތަކުން ވެސް ރިޕޯޓްކުރި އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު މުއްތަލިބު އެކްސްގައި ވިދާޅުވީ އެއީ ދޮގު ހަބަރެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާލެ- ގުޅިފަޅުގެ ބުރިޖު 21 މާޗު 2026 އަށް ނިމޭނެ ކަމަށެވެ. އަދި ގުޅިފަޅު- ތިލަފުށީގެ ބުރިޖު 30 ސެޕްޓެމްބަރު 2026ގައި ނިމޭނެ ކަމަށެވެ.

އެހެން ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މި މަހު މަސައްކަތް ގެންދަންޖެހޭ ސްޕީޑުގައި ނުގެންދެވޭކަން މިނިސްޓަރުވެސް އެއްބަސްވެ ވަޑައިގެންނެވި އެވެ.

"އެހެން ނަމަވެސް މުޅި މަޝްރޫއު ލަހެއް ނުވޭ. އަދި ދީފައިވާ މުއްދަތަށް އެ މަޝްރޫއު ނިމޭނެ ކަމުގެ ޔަގީންކަން އެބައޮތް." މިނިސްޓަރ ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫއުގައި ހިމެނޭ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. އެ ބުރިޖު އަޅަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރާއެކު ޖުމްލަ 500 މިލިއަން ޑޮލަރު ހޭދަކޮށްގެން ނެވެ.

ބުރިޖުގެ މަސައްކަތް ނިމޭނެކަމަށް އެންމެ ފުރަތަމަ ބުނީ 2023ގެ އޮގަސްޓު މަހުގަ އެވެ. ނަމަވެސް އެ ތާރީހު ފަހަނައަޅާ ދިޔައިރު މަޝްރޫއުގެ ކުޑަމިންވަރެއްވެސް ނުނިމެ އެވެ.

އެއާއެކު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ބުރިޖުގެ މަސައްކަތްތަކުގެ ސަޕްލިމެންޓަރީ އެއްބަސްވުމެއްގައި ސޮއިކޮށް ބުރިޖުގެ މަސައްކަތަށް އިތުރު 2 އަހަރު އިތުރުކޮށްދީގެން މަޝްރޫޢުގެ މުއްދަތު ވަނީ އިތުރުކޮށްދީފަ އެވެ.

މިނިސްޓަރު އިއްޔެ ވިދާޅުވީ ތިލަމާލެ ބުރިޖުން އަދި ނިމުނީ އެންމެ 38.8 ޕަސެންޓް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން