ދިވެހިރާއްޖެއިން އިސްރާއީލް ޕާސްޕޯޓު މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު މަދުވެދާނެތީ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ އަނިޔާތަކާއި ގުޅިގެން އެކަން ކުށްވެރިކޮށް މިއަދު މާލޭގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުން މަރަމުންދާއިރު އަރަބި ބޮޑެތި ބައެއް ގައުމުތަކުން ތިބީ އެކަމަށް އެއްވެސް ވަރަކަށް އަޅާނުލާކަމަށެވެ.

އަދި ބޮޑެތި އަސްކަރިއްޔާތައް ތަރައްގީކޮށްގެން ތިބިނަމަވެސް، ފަލަސްތީނަށް އެހީތެރިކަމެއް ނުދެވޭނަމަ މިސްރުފަދަ ގައުމުތަކުގެ ބޭނުމެއް އެބައޮތްތޯ އޭނާވަނީ ސުވާލު އުފައްދަވާފައެވެ.

އުމަރު ވިދާޅުވީ، ރާއްޖެއިން ވެސް އިސްރާއީލާއި ދެކޮޅަށް ކަންކަން ކުރަންޖެހޭކަމަށާއި އެގޮތުން އިސްރާއީލްގެ ޕާސްޕޯޓު މަނާކުރަންޖެހޭ ކަމަށާއި، މިހާރުވެސް އެކަން ނުވެގެން އުޅެނީ ލިބޭ ޑޮލަރުކޮޅު މަދުވެދާނެތީކަމަށެވެ.

އުމަރު ވިދާޅުވީ، މުސްލިމް އެތައްބަޔަކު ބަނޑަށް ޖައްސާފައިވާއިރު، ލިބޭ ޑޮލަރުކޮޅަށް ނުބަލާ އިސްރާއީލްގެ ޕާސްޕޯޓު މަނާކުރަން ރާއްޖެއަށް ވެސް ކެރެންޖެހޭކަމަށެވެ.

އުމަރު ވަނީ ކޮމަންވެލްތުން ވެސް ރާއްޖެ ވަކިވުމަށް ގޮވާލާފައެވެ. އުމަރު ވިދާޅުވީ، ކޮމަންވެލްތު ލީޑުކުރަނީ އިސްރާއީލަށް ވާގިވެރިވާ ބޮޑެތި ގައުމުތަކުން ކަމަށެވެ.

އުމަރު މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް މިހާރުވަނީ އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް އިސްލާހެއް ވެސް ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން