މި ސަރުކާރުން ބިން ހިއްކައިގެން ތަރައްގީކުރަން ނިންމާފައިވާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ މަޝްރޫއަކީ ސްކޭމެއްކަމަށް ކުރީގެ ނައިބް ރައީސް މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއުއަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއެވެ. އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއުގެ މަސައްކަތް އަށް މަސްދުވަހުގެ ތެރޭގައި ނިންމާލުމަށް ސަރުކާރުން އަމާޒު ހިފިއިރު، އެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18ގައެވެ.

ނަމަވެސް އެ މަޝްރޫއު މަޑުޖެހިފައިވާ ކަމަށާއި ކުރިން ލަފާކުރިގޮތަށް 8 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނުނިމޭނެކަމަށާއި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެ މަޝްރޫއު ހިންގާނެ އިތުރު މޮޑެލްއެއް ހޯދުމަށް ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އިއްޔެވަނީ ބުނެފައެވެ.

އެއާއި ގުޅިގެން ރައީސް ޔާމީންގެ ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު އެކްސްގައި ވިދާޅުވެފައިވަނީ، ރަސްމާލެ މަޝްރޫއު ކުރިއަށްގެންދިޔައީ ހަދަންޖެހޭ ދިރާސާތައް ނުހަދާ ކަމަށެވެ. އަދި އެހެންކަމުން ރަސްމާލެ މަޝްރޫއަކީ ހިންގި ބޮޑު ސްކޭމެއްކަން މިހާރު އެނގިއްޖެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އަދި އެ މަޝްރޫއު ހަވާލުކުރި ކުންފުނީގެ ވެރިންގެ އަތުން މި ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާކަމުގެ ތުހުމަތުވެސް ޖަމީލްވަނީ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން