އިސްރާއިލުން ފަލަސްތީނު ރައްޔިތުންނާއި މެދު ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާ ތަކަކީ ޓެރަރިޒަމް ކަމަށް ރާއްޖެއިން ކަނޑައަޅަންޖެހޭ ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑެ) އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި، ބޭރުގައި ޓެރަރިޒަމް ހިންގާ ޖަމާއަތްތައްވެސް ޓެރަރިސްޓުން ގޮތުގައި ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާތަކަކީ ޓެރަރިޒަމްކަމުގައި ރާއްޖެއިން ކަނޑައެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.



މީގެ އަށް އަހަރު ކުރިން 2015 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން ގެންދާ ޓެރަރިޒަމް މަނާކުރާ ގާނޫނު ބުނާގޮތުން ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތައް ކަނޑައަޅާނީ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓު ނުވަތަ ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު، މަދުވެގެން ކޮންމެ 12 (ބާރަ) މަހަކުން 1 ފަހަރު މުރާޖަޢާކުރަންވާނެ ކަމަށް އެގާނޫނުގައި ބުނެފައިވެއެވެ.

ޓެރަރިޒަމް މަނާކުރާ ގާނޫނުގައި ބުނެފައިވަނީ ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓު ނުވަތަ ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު، މުރާޖަޢާކުރުމަށްފަހު، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާއާއެކު އެ ލިސްޓުތަކަށް އުނިއިތުރު ގެނައުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓާއި، އެ ލިސްޓުތަކަށް ގެނެވޭ އުނިއިތުރު، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެއެެވެ. އެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތައް ވެސް މިހާރު ކަނޑައަޅައި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފައެވެ.

ފަލަސްތީނުގެ ބިމަށް ގަދަބާރުން ވެރިވެގެންފައިވާ ހައްދު ފަހަނައަޅާފަައިވާ ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ މުސްލިމު ރައްޔިތުން އެއްވެސް ހައްގަކާއި ނުލައި ޝަހީދުކޮށް އެމީހުންގެ ގެދޮރުން ނެރެ ލާއިންސާނީ އަނިޔާވެރި އެތައް ޖަރީމާތަކެއް އަންނަނީ ހިންގަމުންނެެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލުއާއްމުގައި މިހާތަނަށް ޣައްޒާގެ 37،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން