ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މެމްބަރުކަން ފަލަސްތީނަށް ލިބިއްޖެ އެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްތީނަށް ލިބުނުކަން ފާހަގަކުރައްވައި އެކްސްގައި މިއަދު ޕޯސްޓެއްވެސް ކުރައްވާފަ އެވެ.

އެ ޕޯސްޓުގައި ރާއްޖެއާއި ފަަލަސްތީނުން ޑަބްލިއުއެޗްއޯގައި ތަމްސީލުކުރައްވާ ދެ ބޭފުޅުންގެ ފޮޓޯއެއްވެސް ހިމަނާފައި ވެއެވެ.

އެ ޕޯސްޓުގައި ،މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްތީނަށް ލިބުނީ މިއަދު ކަމަށެވެ.

އެގޮތުން ވާރލްޑް ހެލްތު އެސެމްބްލީގައި ނިންމި މި ތާރީޚީ ނިންމުމާއެކު، ވޯޓުލުން ފިޔަވާ، އެހެން ގައުމުތަކަށް ލިބިގެންވާ ހުރިހާ ހައްގެއް ފަލަސްޠީނަށްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގައި ލިބިގެންދާނެ ކަަމަށް ހަލީލް ވިދާޅުވި އެވެ.

"ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ކަށަވަރު ކުރުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ފުރިހަމަ ލަފާފުޅާއެކު އިސްލާމީ ޤައުމުތަކާއެކު ވާރލްޑް ހެލްތު އެސެމްބްލީގައި ރާއްޖޭން ވަނީ ވަރަށް ބޮޑަށް ވަކާލާތުކޮށްފައި." ހަލީލް ވިދާޅުވި އެވެ.

އިސްރާއިލުން ފަލަސްތީނުގެ ޣައްޒާގައި ގަތުލު އާންމެއް ހިންގަމުންދާއިރު ޑަބްލިއުއެޗްއޯއިން ދަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރަމުން ނެވެ.

ޑަބްލިއުއެޗްއޯއިން ބުނެފައިވާ ގޮތުގައި އިސްރާއިލުގެ އެ ގަތުލު އާންމާއެކު ޣައްޒާގެ އެތައް ހާސް ބަޔަކު ބަލިމަޑުކަމާއި ހައިހޫނު ކަމުގައި ވެސް ޝަހީދުވެގެން ދާނެ ކަމަށެވެ.

އިސްރާއިލުގެ ހަމަލާތަކުގައި މިހާތަނަށް 36،000 އަށްވުރެ ގިނަ ފަލަސްތީނުގެ މީހުން ޝަހީދުވެފައި ވާކަމަށް ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ބުނެއެވެ. ނަމަވެސް އިސްރާއިލުން ދިން ހަމަލާތަކުގައި އެތައް ބަޔަކު އިމާރާތްތަކުގެ ދަށުގައިވުމާއެކު ޝަހީދުވީ މީހުންގެ އަދަދު މިއަށްވުރެ ވެސް އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން