އދ. ދަނގެތި ކައިރީގައި ފާނަ ބާނަން އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހި ހާދިސާއާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އިއްޔެ ހެނދުނު ހިނގި މިހާދިސާގައި ނިޔާވީ ފ. ފީއަލީ ދޯންޏެއްގައި މަސައްކަތްކުރަމުންދިޔަ ކައްދާމް ހުސެއިން ނަމަކަށް ކިޔާ މީހެކެވެ.

އާއްމުކޮށް ފާނަ މަސްވެރިކަމަށް ނުކުމެއުޅޭ ކައްދާމް މަރުވީ އެ ސަރަހައްދުން ދަތުރުކުރި ލޯންޗެއް އޭނާގެ ގައިމަތީގައި ޖެހިގެން ނެވެ.

އެ ހާދިސާގައި އޭނާގެ ހަށިގަނޑު އޮތީ ދެބުރިވެފަ އެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫން އެކްސްގައި ވިދާޅުވީ މިފަދަ މުސީބާތްތެރި ހާދިސާތަކަކީ ބަރުދާސްތުކުރަން އުނދަގޫ ހާދިސާއެއް ކަމަށެވެ.

އެހެންކަމުން އެފަދަ ހާދިސާތައް ކުރިއަށް އޮތް ތަނުގައި ހިނގިޔަ ނުދިނުމުގެ ގޮތުން ގަވައިދުތައް ވީހާވެސް ބޮޑަށް ތަންފީޒުކުރަން ޖެހޭ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން މާމިގިލީ ލޯންޗް "މައި އެކްސްޕްރެސް"ގެ ކެޕްޓަން އިސްމާއިލް އަޒީޒް ވަނީ ހައްޔަރުވެސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން