އިސްރާއިލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ސަރުކާރުން ނިންމައިފި އެވެ.

އިސްރާއިލުގެ ޕާސްޕޯޓް މަނާކުރަން ނިންމިކަން ހާމަކުރީ ރަޢީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

މިނިސްޓަރު ވިދާޅުވީ އިސްރާއިލުގެ ޕާސްޕޯޓް މަނާކުރަން ނިންމީ ވަޒީރުންގެ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

އަދި އެކަމަށްޓަކައި މިހާރު ކޮމިޓީއެއްވެސް އެކުލަވާލައިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްރާއިލުގެ ޕާސްޕޯޓް މަނާކުރުމަށްޓަކައި އެކުލަވާލައިފައިވާ ކޮމިޓީގައި މިނިސްޓަރ އިހުސާންގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެވެ.

އިސްރާއިލުގެ ޕާސްޕޯޓް މަނާކުރުމުގެ ގޮތުން އިސްރާއިލާއި ފަލަސްތީނުގެ މައްސަލައިގައި ފަލަސްތީނުން އެދޭ ކަންކަން ދެނެ ގަތުމަށްޓަކައި ހާއްސަ އެންވޯއީއެއް ކަނޑައެޅުމަށް ވެސް ރައީސް ޑރ، މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

އޭގެ އިތުރުން ފަލަސްތީނަށް އެހީދޭ ޔޫއެން ރިލީފް އޭޖެންސީއަށް ފަންޑްރެއިސް ކުރަން ވެސް ހަރަކާތްތަކެއް ބޭއްވުމަށް ނިންމަވާފައިވާ ކަަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އިސްރާއިލުގެ ޕާސްޕޯޓް މަނާކުރަން ނިމިގެން ދިޔަ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ގަރާރެއްވެސް ފާސްކުރި އެވެ. ނަމަވެސް އެ ގަރާރަށް އެމްޑީޕީގެ ސަރުކާރުން އަމަލުކޮށްފައެއް ނުވެއެވެ.

އެމްޑީޕީން ދާދި ފަހުން ވަނީ އިސްރާއިލުގެ ޕާސްޕޯޓް މަނާކުރަން މަޖިލީހަށް ބިލެއް ވެސް ހުށަހަޅައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން