ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަން ކުރަށްވާނީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމުމާއި ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ރައީސް މުޢިއްޒާއި ދިވެހި ސަރުކާރުން އަބަދުވެސް ދިވެހި ރައްޔިތުންގެ އަޑުއަހާނެ ކަމަށެވެ. އަދި ރައީސް މުޢިއްޒު ވެރިކަން ކުރަށްވާނީ ދިވެހި ރައްޔިތުން ބޭނުންވާގޮތަށް ކަމަށް އިހުސާން ވިދާޅުވިއެވެ.

"ރައްޔިތުން ދިވެހި ސަރުކާރާއި އަދުގެ ރައީސުލްޖުމުހޫރިއްޔާއަށް ކުރަށްވާ އިތުބާރަށް ޝުކުރު އަދާކުރަން، އަޅުގަނޑުމެން އަބަދުވެސް ދިވެހި ރައްޔިތުންގެ އަޑުއަހާނެ، ރައީސް މުޢިއްޒަކީ އަބަދުވެސް ދިވެހި ރައްޔިތުން ބޭނުންވާގޮތަށް ވެރިކަން ކުރަށްވާނެ ރައީސެއް." މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރަށް ކަމަށްވާތީ އިސްރާއިލްގެ ޕާސްޕޯޓް މަނާކުރަން މާގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށެވެ. އަދި އިސްރާއިލްގެ ޕާސްޕޯޓް މަނާކުރަން އެންމެ ރަނގަޅު ގޮތަކީ ގާނޫނު އިސްލާހު ކުރުން ކަމަށާއި ރައީސްގެ ލަފާފުޅާ އިރުޝާދާއެކު އެމަސައްކަތް މިއަދުން މިއަދަށް ފައްޓަވާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލު މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާ ނުކުރާތީ ރައީސް އޮފީސް ކައިރީގައި މިއަދު ބަޔަކު މީހުން އެއްވެ ވަނީ މުޒާހަރާވެސް ކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެއްވެސް ކުށެއް ނެތް މައޫސޫމް ކުޑަކުދިން މަރާއިރު، އިޒްރޭލު މީހުންނަށް ރާއްޖޭގެ އަތިރިމަތިތަކުގައި މަޖާކުރެވިގެން ނުވާނެ ކަމަށް ބުނެ އިސްރާއިލް ޕާސްޕޯޓް މަނާކުރަން ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން