ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ މެންބަރުކަން ލިބުނު ޤަރާރުން ފެނިގެން ދިޔައީ ދުނިޔޭގެ އަޣުލަބިއްޔަތުން ފަލަސްތީނުގެ މަސައްކަތަށް ތާއީދުކުރާ ކަމުގެ އިތުރު ނިޝާނެއް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޑަބްލިޔު.އެޗް.އޯ ގެ ފުރިހަމަ މެންބަރަކަށް ފަލަސްތީނަށް ދިނުމަށް އދ ގެ އާއްމު މަޖިލީހުގައި މިއަދު ވަނީ ގަރާރެއް ފާސްކޮށްފައެވެ. އެ ގަރާރު ފާސްކޮށްފައިވަނީ 101 މެންބަރުންގެ ވޯޓުންނެވެ. އެކަމާ ގުޅިގެން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ޑަބްލިޔުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ދޭން ނިންމި ނިންމުމަކީ ދުނިޔޭގެ އަޣުލަބިއްޔަތުން ފަލަސްތީނުގެ މަސައްކަތަށް ތާއީދުކުރާ ކަމުގެ އިތުރު ނިޝާނެއް ކަމަށާއި ފަލަސްތީނުގެ ދައުލަތަށް މިހާރު ބަޔާން ދިނުމާއި، ހުށަހެޅުންތަކާއި އިސްލާހުތައް ހުށަހެޅުމާއި ކޯ ސްޕޮންސަރ ކުރުމުގެ ހައްގު ލިބިގެންދާނެ ކަމަށެވެ.

ޒަމީރު ވިދާޅުވީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށް ކަމުގައިވާ، މިނިވަން އަދި އިސްތިގުލާލީ ދައުލަތެއްގެ ގޮތުގައި ފަލަސްތީން ގާއިމްކުރުމަށާއި، ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށެވެ. އަދި ފަލަސްތީނަށް މެންބަރުކަން ދޭ ޤަރާރަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކޮށްފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން