ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން މުޅި ރާއްޖޭގައި ފަންޑްރެއިޒިން އިވެންޓަކާއެކު ހިނގާލުމެއް ބާއްވަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އދ ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ފަލަސްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ނިންމާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

މި ހިނގާލުމަކީ "ފަލަސްތީނާ އެކު ދިވެހިން" ގެ ނަމުގައި ބާއްވާ ހިނގާލުމެކެވެ. ރާއްޖެއިން މިއަދު ވަނީ އިސްރާއިލް މީހުން ރާއްޖެއަށް އެތެރެ ނުވެވޭގޮތަށް ގާނޫނު އިސްލާހުކުރަން ނިންމާފައެވެ. އެކަން ކުރުމަށްޓަކައި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ފޮރިން މިނިސްޓަރު، މޫސާ ޒަމީރު، އެޓާނީ ޖެނެރަލް، އަހުމަދު އުޝާމް، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލްގެ އިތުރުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނޭ ގޮތަށް ކޮމެޓީއެއް ވަނީ އެކުލަވާލާފައެވެ. މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ފަލަސްތީނާއި އިސްރާއީލުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުން އެދޭ ކަންކަން ދެެނެގަތުމަށް، އެމްއޯޔޫއެއް އެކުލަވާލުމަށް ސަރުކާރުން ވަނީ ނިންމާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން