އިސްރާއިލް ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެ ނުވެވޭގޮތަށް ނިންމި ނިންމުން ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެހެން ޤާނޫނަށް ބަދަލުގެނައުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމާފައެވެ.

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީޑިއާތަކުން ވަނީ އެ ޚަބަރު ރިޕޯޓްކޮށްފައެވެ. އެގޮތުން ދުނިޔޭގެ ގިނަ މީޑިޔާތަކުގައި އެޚަބަރު ގެނެސްދީފައިވާއިރު ދިވެހި ސަރުކާރުގެ އެ ނިންމުމާއެކު އިސްރާއިލްގެ ލާއިންސާނީ ޢަމަލުތައް ކުއްވެރިކުރާ ގިނަ ފަރާތްތަކުން އެކަން ފާހަގަކޮށް ރާއްޖެއަށް ވަނީ ތައުރީފްކޮށްފައެވެ.

މި ހަބަރު ރިޕޯޓްކޮށްފައިވާ މީޑިޔާތަކުގެ ތެރޭގައި އަވަށްޓެރި އިންޑިއާގެ ނޫސްތަކާއި މެދު އިރުމަތީގެ ޚަބަރުތައް ގެނެސްދޭ މީޑިއާތައް ހިމެނެއެވެ. މީގެ އިތުރުން ރަޝިއާ އަދި ހުޅަނގުގެ މީޑިއާތަކުގައިވެސް މި ޚަބަރު ރިޕޯޓްކޮށްފައިވާއިރު އިސްރާއިލުގެ ނޫސްތަކަށްވެސް މި ޚަބަރު ވަނީ އަރާފައެވެ. އަދި މި ޚަބަރާއެކު އެ ޤައުމުގެ ރައްޔިތުން ރާއްޖެ ދަތުރު ނުކުރުމަށް އެ ޤައުމުން ވަނީ އަންގާފައެވެ. އަދި ރާއްޖޭގައި ތިބި އިސްރާއިލް މީހުން ރާއްޖެއިން ފައިބަން އެގައުމުގެ ސަރުކާރުން މިހާރު ވަނީ އަންގާފައެވެ.

އިސްރާއީލުގެ ޓީވީ ޗެނަލަކުން އެ ހަބަރު ރިޕޯޓުކޮށްފައިވާކަމަށް ޤަޠަރުގެ ނޫހެއްކަމަށްވާ އައްޝަރްޤު ނޫހުން ބުންޏެެވެ. އަދި ޓައިމްސް އޮފް އިސްރާއީލް ނޫހުގައިވެސް އެ ހަބަރު ގެނެސްދީފައިވެއެވެ. އޭގެ އިތުރަށް އިނގިރޭސި ވިލާތުގެ ނޫސްތަކުގެ ތެރެއިން "ދަ ސަން" އަދި އެނޫންވެސް ބައެއް ނޫސްތަކުން ދިވެހި ސަރުކާރުގެ ނިންމުމުގެ ޚަބަރު ގެނެސްދިންއިރު އެސޯސިއޭޓެޑް ޕްރެސްއާއި، އޭއެފްޕީ ފަދަ މަންސަތަކުގައިވެސް އެ ޚަބަރު ޝާއިއުކޮށްފައިވެއެވެ.

އަލްޖަޒީރާ އިން ގެނެސްދިން ޚަބަރުގައި ދިވެހި ސަރުކާރުން މިއަދުގެ އެ ނިންމުމާ ގުޅިގެން ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ އެކްޓިވިސްޓުން ރާއްޖެއިން ނެގި ސްޓޭންޑާއި ނިންމި ނިންމުން އިސްރާއީލު ފަތުރުވެރިން މިހާރުވެސް ދަތުރުކުރާ ބައެއް ގައުމުތަކާ އަޅައިކިޔައި އެ ގައުމުތަކަށްވެސް ވަނީ ފާޑުކިޔާފައެެވެ.

އެގޮތުން ބައެއް ގައުމުތަކުގެ އެކްޓިވިސްޓުން އެމީހުންގެ ގައުމުތަކުގެ ލީޑަރުންނަށް ރާއްޖޭގެ ނިންމުމުން ނަމޫނާ ލިބިގަނެގެން އެފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށް ބާރުއަޅައި އެކަމާ ގުޅިގެން ރިޕޯޓްކުރި ޚަބަރުތަކަށް ކޮމެންޓް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން