ރައްޔިތުންގެ މަޖިލީހުގެ ރައީީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީީސް، ރައީސް މުޙައްމަދު ނަޝީދު
ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމް ގަޑުބަޑު ނުކުރެއްވުމަށް ހެލްތު މިނިސްޓަރު އަބުދު ﷲ އަމީނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ގޮވާލައްވައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ހެލްތު މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުން ހީވަނީ މަޖިލިސް ހިންގަންވީ ގޮތް ބުނެދޭން އުޅޭނީ ހެންނެވެ. އެހެންކަމުން އެއްވެސް ވުޒާރާއަކުން މަޖިލީހުގެ ކަންކަމާ ނުބެހުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑު އެ މިނިސްޓްރީއަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށާއި ވުޒާރާގެ ވަޒީރަށް [މިނިސްޓަރު އަބްދުﷲ އަމީނަށް] ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވަން. ދިވެހި ރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑު ނުކުރެއްވުމަށާއި އަދި މި މަޖިލީހުން ކުރާ ކަންކަމަށް ވުޒާރާތަކުން އެ ބާވަތުގެ ނޫސްބަޔާން ނެރުއްވައި ބެހިވަޑައިނުގަތުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ސިއްހީ ދާއިރާގެ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކޮވިޑް-19އިން ރާއްޖެ އަރައިގަތުމަށް ހެލްތު މިނިސްޓްރީން އަޅާފައިވާ ބައެއް ފިޔަވަޅުތަކާ މެދު ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

ހެލްތު މިނިސްޓްރީގެ ބަޔާނުގައި ބުނީ ސިއްހީ ޚިދުމަތްތަކަށް ބޭނުންވާ ގައިޑްލައިންތައް ހަދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބިނާކޮށް ހޯދާ އާ ހޯދުންތަކާ އަދާހަމަކޮށްގެން ކަމަށާއި ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފާގެ ވެސް މަތިން ކަމަށެވެ. ސިއްހީ ހިދުމަތްތައް ދެނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން