ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަފުދުތަކުން ބޭރުގައުމުތަކަށް ކުރާ ދަތުރުތަކުގެ އެއްވެސް ނަތީޖާ އެއް މިހާތަނަށް ފެނިފައިނުވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގުރާމެއްގައި ވާހަަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އައްޑޫސިޓީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވީ މި ސަރުކާރުގެ ވަފުދުތަކުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ އެއްވެސް ނަތީޖާ އެއް ނުފެންނަ ކަމަށެވެ. އެގޮތުން ސަރުކާރުގެ ވަފުދުތަށް ބޭރުގައުމުތަކަށް ކުރަށްވާ ދަތުރުތަކަށްފަހު ރާއްޖެެއަށް ވަޑައިގެން ގައުމުތަކުން ވަކި ކަމެއް ކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށް ހާމަކުރަމުންދިޔަ ނަމަވެސް އެއިން އެއްވެސް ކަމަކަށް މިހާތަނަށް އަމަލީ ސިފައެއް އައިސްފައިނުވާކަމަށް ދީދީ ވިދާޅުވިއެވެ.

އަދި ސަރުކާރުގެ ވަފުދުތަކުން ގަައުމުތަކަށް ވަޑަައިގެން ދައްކަވާ ވާހަކަތަކާއި ރާއްޖެ ވަޑައިގެން ދައްކަވާ ވާހަކަތަކުގައި ވެސް ތަފާތު އެބަހުރި ކަމަށާއި ފޯރުކޮށްދޭ އެހީތަކާއި ގުޅޭ ގޮތުން ދައްކާ ވާހަކަ ދިމާނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭރު ގައުމުތަކަށް ސަރުކާރުން ގޮސް ދައްކާ ވާހަކަ އާއި ރާއްޖެ އައިސް ދައްކާ ވާހަކަ އެއް ދިމައެއް ނުވޭ، އަޅުގަނޑުމެންނަށް މިއިވެނީ ރާއްޖެ އިން ދާ ޑެލިގޭޝަން މިވެނި ވާހަކައެއް ދެއްކީމޭ ބުނާ އަޑު، މިކޮޅަށް އައިސް އެބޭފުޅުން ހަމަ އެވާހަކަ ދައްކަނީ، ދެކޮޅުގައި ދައްކާ ވާހަކަ ދިމާވާތަނެއް ނުއެއް ފެނޭ, މީގައި އެބައުޅޭ ޕްރޮފެޝިނަލިޒަމްގެ މައްސަލަ ވެސް ޕޮލިސީ ލެވެލްގެ މައްސަލަ ވެސް އުޅޭތީ ކަންނޭގޭ ނަތީޖާ ނުފެންނަނީ." ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިޔާ އާއި ރާއްޖެ ގުޅުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ، ސަރުކާރުން އިންޑިޔާއަށް ގޮސް ދައްކާ މަންޒަރާއި ރާއްޖެއަށް އައިސް ރައްޔިތުންނަށް ދައްކާ މަންޒަރު ތަފާތު ކަމަށެވެ. އެގޮތުން ދިވެހި ސަރުކާރާއި އިންޑިޔާ އާއި ދެމެދުގައި ކުރާ މުއާމަލާތްތަކުގައި ދެގައުމުގެ ބަސްމަގު ތަފާތު ކަމަށް ދީދީ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އިންޑިޔާ އާއި އެހެން ގައުމުތަކާއި މެދު އޮންނަ އިތުބާރަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށް ދީދީ ވިދާޅުވިއެވެ.

"އިންޑިޔާގައި ނުވަތަ އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރުން މި ދައްކާ މަންޒަރު ވަރަށް ތަފާތު، ސަރުކާރުން ރާއްޖެ އައިސް އިންޑިޔާ ވަރަށް ބޮޑަށް ކުށްވެރިކޮށް ވަރަށް ބޮޑަށް ސިޔާސީ ކޮށްފަައި މި ވާހަކަ ދައްކަނީ. އެހެން ނަމަވެސް އިންޑިޔާ އާއި ރަހުމަތްތެރިކަމުގެ ގުޅުން ރަނގަޅު ކުރަން މި ދައްކާ ވާހަކަ އާއި ދަތުރުކޮށްފައި ރާއްޖެ އައިސް ދައްކާ ވާހަކަ ތަފާތުކޮށް މި ފެންނަނީ. އެހެންވީމަ ފޮރިން ޕޮލިސީ ދާންވީ މިސްރާބެއް ނޭގިފައި އޮތްތަން މިފެންނަނީ." ދީދީ ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ރާއްޖެއިން ބޭރަށް ގިނަ ދަތުރުފުޅު ތަކެއް ވަނީ ކުރަށްވާފައެވެ. އެ ދަތުރުފުޅުތަކުގެ ތެރެއިން ރާއްޖެ އަށް އެކިގޮތްގޮތުން މާލީ އެހީތެރިކަން ހޯދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެެވެ. މީގެ އިތުރުން ހީނަރުވެފައިވާ އިންޑިޔާ އާއި ރާއްޖޭގެ ގުޅުން ރަނގަޅުކުރުމަށް ސަރުކާރުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން