އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ އަދިވެސް ހައްލު ކުރެވިފައި ނުވާތީ، ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ، އެމްޑީޕީގެ ޕާލިމަންޓު ގުރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެވެ.

ނާޒިލް ހުށައެޅުއްވި މައްސަލައިގައި ބުނެފަައިވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ފެނުގެ ހިދުމަތް ދިނުމަށް އިންތިހާއަށް ދަތިތައް ދިމާވެ، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވެސް އޭގެ އަސަރުކޮށް ބުރޫ އަރަމުންދާކަމަށެވެ. އަދި އެމައްސަލައިގަައި ރައްޔިތުން އެތައް ތަކުލީފުތަކާއި ކުރިމަތިލާން ޖެހިފައިވާއިރު، މިކަމުގައި ސީދާ ޒިންމާވެ ހައްލު ކުރުމުގެ ޒިންމާ އޮތީ ކޮން ބައެއްގެކަން ރައްޔިތުންނަށް ސާފު ނުވާކަމަށް ނާޒިލް ވިދާޅުވިއެވެ.

އެހެންކަމުން އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ރައްޔިތުންނަށް ލިބެން ޖެހޭ އެންމެ އަސާސީ މިހިދުމަތް އެއްވެސް އުނދަގޫކަމެއް ނެތި ލިބޭނެ ގޮތް ހަމަޖެއްސުމަށް ނާޒިލް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ފެނަކައިން މީގެ ކުރިން ބުނީ އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިދިޔަ އަހަރުތަކުގައި މެޝިނަރީސްތަކުގެ މެއިންޓަނެންސް އެއްވެސް މިންވަރަކަށް ބެލެހެއްޓިފައި ނުވާކަމަށް ފެނަކައިން ބުނެއެވެ. ފެނުގެ ނިޒާމު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އަޕްގްރޭޑިން ޕްރޮޖްކެޓެއް އެމްޑަބްލިއުސްސީއާ، މިހާރު ވަނީ ހަވާލުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން