ޔޫރަޕިއަން ޔޫނިއަން، އީޔޫއިން 108 މިލިޔަން ރުފިޔާގެ އެހީ ދިވެހިރާއްޖެއަށް ދިނުމުގެ އެއްްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ނޫ އިޤުތިސާދު ހަރުދަނާކުރަން އީޔޫން ދިން 6.5 މިލިޔަން ޔޫރޯ ނުވަތަ 108 މިލިޔަން ދިވެހި ރުފިޔާގެ އެހީގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަންސް ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕައޯލާ ޕަމްޕަލޯނީއާއެކު އިއްޔެ ބޭއްވެވި ބައްދަލުވުމެއްގައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރާއި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަންސް ސަރވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕަމްޕަލޯނީ ވަނީ ޔޫރަޕިއަން ޔޫނިއަންގެ އެއްބާރުލުމާއިއެކު ރާއްޖެއަށް ގެނެވިފައިވާ މުހިންމު ކުރިއެރުންތަކާ މެދު މަޝްވަރާކުރައްވާފައެވެ.

ފާއިތުވި އަހަރުތަކުގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ޝަރުއީ ދާއިރާ އިސްލާހުކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގައި އީޔޫގެ އެހީތެރިކަން ލިބިފައިވެއެވެ. މިކަން ފާހަގަ ކުރައްވާ މިނިސްޓަރު ޒަމީރު ވަނީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާން އީޔޫއިން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެއިތުރުން ޝެންގެން ވިސާގެ ޝަރުތުތަކުން އިސްތިސްނާވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން