އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. މިމަސައްކަތް ކުރިއަށްގެންގޮސްފައިވަނީ މިއަދު ދޫނިދޫގައެވެ.

ފުލުހުން ބުނީ މިއަދު ނައްތާލާފައިވަނީ ބަނގުރާ ހިމެނުނު 86 ބްރޭންޑެޑް ފުޅި، 48 ޕެޓް ފުޅި އަދި 293 ދަޅު ބިޔަރުކަމަށެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 30 އައިޓަމް ނައްތައިލާފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މިއަދު ނައްތާލި ބަނގުރަލަކީ ފުލުހުންނަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެދަށުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން