ލަންކާގައި ދިރިއުޅޭ ދިވެހިންނާ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ޖޫން މަހުގެ 3 އިން 6 އަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިސް އެކްސެލަންސީ އެމް.ޔޫ.އެމް. ޢަލީ ސަބްރީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓަރ މޫސާ ޒަމީރު ލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ޖޫން 4 ވާ އަންގާރަ ދުވަހުއެވެ. މިބައްދަލުވުން ކުރިއަށްދާނީ މާދަމާ 3:45 ގައި ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަންގައެވެ. މިބައްދަލުވުމުގައި ލަންކާގައި ދިރިއުޅޭ ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަށް ވަނީ ދައުވަތު އަރުވާފައެވެ.

މިނިސްޓަރ ޒަމީރު ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި އެޤައުމުގެ ރައީސް ރަނިލް ވިކްރަމަސިންގްހެ އާއި ބޮޑުވަޒީރު ޑިނޭޝް ގުނަވަރދެނާ ހިމެނެއެވެ.

އަދި ލަންކާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ ރަސްމީ ވާހަކަތައް ބޭއްވެވުމަށް ހަމަޖެހިފައިވެއެވެ. ރަސްމީ ވާހަކަތަކުގެ ތެރޭގައި ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން ހަރުދަނާ ކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެކަމަށް މަޢުލޫމާތު ލިިބިފައިވެއެވެ. މީގެ އިތުރުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދާ ދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސްރީލަންކާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ، އެ މަނިކުފާނު މިނިސްޓަރ ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން