ކުށްމަދު އަމާން އަދި ހޭލުންތެރި ބަޔަކު ދިރިއުޅޭ އަތޮޅަކަށް އދ. އަތޮޅު ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މަހިބަދޫ، މާމިގިލި، ދަނގެތި، ދިގުރަށް، އޮމަދޫ އަދި ފެންފުށީގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ފުލުހުންގެ މުއައްސަސާއިން މައުލޫމާތުދެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އދ. އަތޮޅު ފުލުހުންނާއި ސައިބަރ ސެންޓަރު ގުޅިގެންނެވެ.

މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކުށްތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އިންޓަނެޓު މެދުވެރިކޮށް ގަނާކުރުމާއި އެކަމުގެ ޝިކާރައަށްވާ މީހުންނަށް އެކަމުގެ ސަބަބުން ކުރިމަތިވާނެ ގެއްލުންތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އެފަދަ ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތުތައް މި ޕްރޮގްރާމުގެ ދަށުން ދިނުމަށް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އަންނަ ފޯނު ކޯލުތަކުން ރައްކާތެރިވުމަަށާއި އެކަންކަމުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ހަމަޖެހިފައިވެއެވެ. އަދި އޮޅުވާލައިގެން ފައިސާ ހޯދުމުގައި ބޭނުންކުރަމުންގެންދާ އެންމެ ފަހުގެ އުކުޅުތަކާއި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކުރާނެކަމަށް ފުލުހުންގެ މުއައްސަސާއިން ބުންޏެވެ.

ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ރަށުގެ ރައްޔިތުންގެ އިތުރުން މުއައްސަސާތަކުގެ މުވައްޒަފުންނަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މައުލޫމާތުދެއްވަނީ ސައިބަރ ސެންޓަރުގެ މުވައްޒަފުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން