ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންނާމެދު އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމު ކުށްވެރި ކުރުމުގެގޮތުން އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭގޮތަށް ހެދުމަށް ނިންމުމަކީ އެމަނިކުފާނު ވެސް ބަލައިގަންނަ ކަމެއްކަމަށާއި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އެކަމަށް ސަރުކާރަށް މަރުހަބާ ވިދާޅުވާކަމަށެވެ.

އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ރުހުމާއިއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވިކަން އިއްޔެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ، އެކަން ކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ލަސްނުވެ ކުރިއަށް ދާނެކަމަށެވެ.

ސަރުކާރުގެ އެ ނިންމުމަށް ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން ލިބި ގިނަ ބަޔަކު ދަނީ އެ ނިންމުމަށް ތައުރީފު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން