ރާއްޖޭގެ އިގްތިސާދު އޮތީ ހުއްޓިފައި ކަމަށާއި، އެމްޑީޕީގެ ސަރުކާރުން ކުރި ކަމެއް ފިޔަވައި އާ އެއްވެސް ކަމެއް މި ސަރުކާރަށް ކުރެވިފައި ނެތް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ގައުމުގެ އިގްތިސާދު އޮތީ ހުއްޓިފައި ކަމަށާއި ސަރުކާރުގެ ކުންފުނިތަކުގެ ހާލަތު ވެސް ވަރަށް ގޯސް ކަމަށެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފެށި މަސައްކަތެއް ފިޔަވައި އާ ކަމެއް ރައީސް މުޢިއްޒުގެ ސަރުކާރަށް ކުރެވިފައި ނެތް ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަނީ ކުރީގެ ސަރުކާރުން ކޮށްފައި ހުރި ކަންކަމުގެ "ކުރެޑިޓް" ނަގަން ކަމަށް އަމީރު ވިދާޅުވިއެވެެ.



" އަޅުގަނޑު ދަންނަވާކަށް ނެތިން ކޮލެޓީ ނެތިގެންނޭ މަސައްކަތް ނުކުރެވެނީ އެކަމަކު މިފެންނަނީ ވަރަށް ބޮޑަށް ކަންކަން ނުކުރެވޭ ތަން، އިގްތިސާދު ހުއްޓިފައި އޮތްތަން ކްރެޑިޓް ނަގަން ވެސް މި މަސައްކަތް ކުރަނީ އަޅުގަނޑުމެން މިދިޔަ ފަސްއަހަރު ކޮށްފައިހުރި ކަންކަމުން، އެޑިއުކޭޝަން ސެކްޓާ އަށް ބެލިކަމުގައިވީ ނަމަވެސް ސިއްހީ ދާއިރާ އަށް މިހެން ގޮސް ހުރިހާ ދާއިރާއަކަށް ވަކިވަކިން ބެލިކަމުގައިވީނަމަވެސް އަޅުގަނޑުމެން ކޮށްފައި ހުރިކަންކަން ފިޔަވައި އާ ކަމެއް މި ސަރުކާރަކަށް އަދި ނުކުރެވޭ،" އަމީރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ މިހާރަށްވުރެ ދަތިހާލުގައި ރައީސް ސޯލިހްގެ ސަރުކާރުގައި ގައުމުގެ އިގްތިސާދު މެނޭޖްކުރިކަމަށެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ނުހުއްޓި ކުރިއަށްދިޔަ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ޕްރޮޖެކްޓް ތަށް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންނަށް ބަރާބާރަށް މުސާރަދީ ސަރުކާރު ކުންފުނިތަށް ރަނގަޅަށް ހިނގި ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ގައުމުގެ އިގްތިސާދު ރަނގަޅަށް ކުރިއަރައި ދާނެ ގޮތަށް އޭރުގެ ސަރުކާރުގެ ސިޔާސަތުތަށް ބައްޓަންކުރި ކަމަށެވެ. އަދި ކުރީގެ ސަރުކާރު ނިމުނުއިރު ކޮންޓެރެކްޓަރުންނަށް ދިން ފައިސާ ފިޔަވައި އިތުރު ފައިސާ އެއް އެ ފަރާތްތަކަށް މި ސަރުކާރަށް ނުދެވުނު ކަމަށާއި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވެސް މިސަރުކާރަށް ދެވިފައިނުވާ ކަމަށް އަމީރު ވިދާޅުވިއެެވެ.

" ހުރިހާ ސެކްޓާ އަށް ބެލިކަމުގައިވީ ނަމަވެސް ވަަރަށް ބޮޑުތަން މިއޮތީ ދަށައް ގޮސްފައި، ހުރިހާ ވިޔަފާރިތަށް ވެސް ވަރަށް ހާލުގައި އަސްލު ހަގީގަތުގައި އެހެންވީމަ އަޅުގަނޑަކަށް ނުފެނޭ އިޚުލާސްތެރިކަމާއެކު ކަންކަން ބަދަލުކުރަން ކަންކަން ރަނގަޅުކުރަން މިސަރުކާރުން މަސައްކަތް ކުރާތަނެއް،" ކުރީގެ މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރަކީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހެއު ވެރިކަމެއް ކޮށްދޭން ވެރިކަމަށް އައި ބަޔެއް ނޫންކަން މިވޭތުވެ ދިޔަ މުއްދަތުގެ ތެރޭގައި ހާމަވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށާއި ކޮރަޕްޝަނާއި ނުލައި މި ސަރުކާރުގެ ތެރެއިން އެއްވެސް ކަމެއް މިހާރު ނުކުރެވޭ ކަމަށް ބުނެ ވަރަށް ގިނަ ރައްޔިތުން އެވާހަކަ ދައްކަމުން ގެންދާ ކަމަށް އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން