ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް މަޤާމުގެ ހުވައިކުރައްވައި އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގައެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް ރައީސް މައުމޫންގެ ވެރިކަމުގައި 2008 ވަނަ އަހަރުވެސް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމު ފުރުއްވާފައެވެ. އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ މަޤާމުވެސް ޑރ. މައުސޫމް ވަނީ ފުރުއްވާފައެވެ. 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް މައުސޫމް ވަނީ އަދާކުރައްވާފައެވެ.

ޓްއަރިޒަމް އާއި ގުޅުން ހުރި ދާއިރާތަކުން ޑރ މައުސޫމް ފުރުއްވާފައިވާ އެހެން މަޤާމުތަކުގެ ތެރޭގައި މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަޤާމުތައް ހިމެނެއެވެ. މީގެއިތުރުން ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގެ ދުވަސްވަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑް މެންބަރުކަމުގެ މަޤާމުވެސް ޑރ މައުސޫމް ވަނީ ފުރުއްވާފައެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު، ސަން އައިލެންޑުގެ ޖެނެރަލް މެނޭޖަރުގެ މަގާމުވެސް ޑރ މައުސޫމް ވަނީ އަދާކުރައްވާފައެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގްހަމް އިން އަރބަން އެންޑް ރީޖަނަލް ސްޓަޑީޒް އިން ޕީއެޗްޑީ ޙާޞިލުކުރައްވާފައެވެ. ޓްއަރިޒަމް ޑިވޮލޮޕްމެންޓް ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރައްވައިގެން ޑރ. މައުސޫމު ވަނީ މިދާއިރާއިން އެންމެ ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސެއްގެ ޝަރަފުވެސް ހޯއްދަވާފައެވެ. ޕިއެޗްޑީއަށް ޑރ މައުސޫމް ތީސިސް ލިޔުއްވީ " އެންކެލޭވް މައިކްރޯ އައިލެންޑް ޓުއަރިޒަމް" އިންނެވެ. ޕީއެޗްޑީގެ ކުރިން ޑރ. މައުސޫމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އުލްސަރ އިން ހޮޓެލް އެންޑް ކޭޓަރިންގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ވެސް ޙާޞިލުކުރައްވާފައެވެ.

މިވަގުތު ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޑރ މައުސޫމް ސިޔާސީ މައިދާނަށް ނުކުންނެވީ ޑީއާރުޕީންނެވެ. އޭގެ ފަހުން ރައީސް މައުމޫނާއި އަދި އެޕާޓީގެ ކުރީގެ ލީޑަރ އަހްމަދު ތަސްމީނު އަލީ އާއިއެކުވެސް ޑރ މައުސޫމްވަނީ މަސައްކަތްކުރައްވާފައެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް އެންމެފަހުން އަދާކުރެއްވި މަޤާމުތަކުތެރޭގައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމު ވެސް ހިމެނެއެވެ.

ޓުރިޒަމް މިނިސްޓަރު ކަމުގެ މަޤާމު ހުސްވެފައިވަނީ އެމަޤާމުގައި ހުންނެވި ޢަލީ ވަޙީދު، މަގާމުން އިސްތިޢުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެންގެވުމުން އެ މަގާމުން އިސްތިޢުފާ ދެއްވާފައިނުވުމުން، މިިދިޔަ މަހުގެ 9 ވަނަދުވަހު ރައީސުލްޖުމްހޫރިއްޔާ އެމަގާމުން ޢަލީ ވަޙީދު ވަކިކުރެއްވުމުންނެވެ.

އަލީ ވަހީދު އެ މަޤާމުން ވަކިކުރެއްވުމުން މިހާތަނަށް ޓްއަރިޒަމް މިނިސްޓްރީ ހިންގަމުން ގެންދެވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ ބެއްލެވުމުގެ ދަށުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން