ތިން މަސް ތެރޭގައި ގޯތި ހަވާލުކުރުން ލާޒިމުކުރަން ގޮވާލައި ނިމިގެން ދިޔަ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އެންމެ ފަހުން ބޭރުކޮށްލައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ހުށަހެޅުއްވި އެ ބިލު ރައްޔިތުންގެ މަޖިލީހުން ނިމިގެން ދިޔަ މަޖިލީހުގައި މިދިޔަ އޭޕްރީލް މަހު ފާސްވެސް ކުރި އެވެ.

ނަމަވެސް އެ ބިލު ތަސްދީގުކުރަން ފޮނުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލު ތަސްދީގު ނުކުރައްވައި ބިލު އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފަ އެވެ.

އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލުމުން އެ މައްސަލައަށް މަޖިލީހުގައި ބަހުސްކުރުމަށް ފަހު މިއަދު ވަނީ އަލުން ވޯޓަށް އަހައިފަ އެވެ.

އެކަމަކު ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އެ ބިލަށް އެކަށީގެންވާ ވަރާ ގާތަށް ވެސް ވޯޓެއް ނުލިބުނެވެ.

އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް މީކާއިލް ހުށަހެޅުއްވި ނަމަވެސް އެކަމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުން ނެވެ. ނުފެންނަ ކަމަށް 75 މެމްބަރަކު ވޯޓު ދެއްވި އެވެ.

ބިމާބެހޭ ގާނޫނަށް މީކާއީލް ހުށަހަޅުއްވާފައިވާ އިސްލާޙުގައި ވަނީ ގާނޫނަށް އަމަލު ކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓް ކުރުމަށްފަހު ހަވާލު ކޮށްފައި ނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިންމަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލު ކުރަންވާނެ ކަމަށެވެ.

ހަމައެއާއެކު ގާނޫނަށް އަމަލު ކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓް ކުރުމަށްފަހު ރަޖިސްޓްރީ ހަވާލު ނުކޮށް ހުރި ގޯތިތަކުގެ ރަޖިސްޓްރީ މި ގާނޫނަށް އަމުލު ކުރަން ފަށާ ތާރީހުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާރާއިން ހަވާލު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީކާއިލު މި ބިލު ހުށައެޅުއްވިއިރު ރައީސް ޞާލިހުގެ ވެރިކަމުގައި ނުހިއްކާހުރި ފަޅުތަކުންނާއި ލޭންޑް ޔޫސް ޕްލޭން ނުހަދާ ހުރި މާލެ ސަރައްދުގެ އެކި ތަންތަނުން ދޫކޮށްފައި ހުރި ގޯތި ތަކުގެ ތެރެއިން ހިއްކާ ނިމެމުން ދާ ވަރަކަށް މި ސަރުކާރުން ގެންދިޔައީ ގޯތި ކަނޑާ ރަޖިސްޓްރީ ވެސް ހަވާލު މުރަމުންނެވެ. އަދި ނުހިއްކާހުރި ފަޅުތަކުން ދޫކޮށްފައި ހުރި ގޯތިތައް ލިބުނު މީހުންނަށް ގޯތި ލިބުނު ކަމުގެ ލިއުންވެސް ދިޔައީ ހަވާލު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން