ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" އިފްތިތާޙްކޮށްފިއެވެ.

"ނިޔާވެހި" ނިއުސްލެޓަރއަކީ އިޖުތިމާއީ ޚިދުމަތުގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުންނަށް އަމާޒުކޮށް ޕީޖީ އޮފީހުން ނެރޭ ނިއުސްލެޓަރއެކެވެ.

ޕީޖީ އޮފީހުން ބުނީ ވިކްޓިމް ސަޕޯޓަށް ޚާއްޞަކޮށް ނިއުސްލެޓަރއެއް ނެރެންފެށި މަޤްޞަދަކީ ޖިނާއީ ޢަދުލުގެ ނިޒާމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް އަންނަ ބަދަލުތައް ދާއިރާގެ ފަންނީ ބޭފުޅުންނަށް ދުވަހުން ދުވަހަށް ފެންނާނެގޮތް ހެދުންކަމަށެވެ. އެގޮތުން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި ޢަމަލުކުރާ އުޞޫލުތަކަށް އަންނަ ބަދަލުތަކާއި، ކޯޓުތަކުން ނިންމަވާ ނިންމެވުންތަކުން ކަނޑައެޅޭ އުޞޫލުތަކާއި، އެ ކަހަލަ މައްސަލަތަކުގައި ޕީޖީ އޮފީހުން ޢަމަލުކުރާ އުޞޫލުތަކަށް އަންނަ ބަދަލުތައް މި ނިއުސްލެޓަރގައި ޝާއިޢުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ވިކްޓިމް ސަޕޯޓް ދާއިރާއަކީ، އިޖްތިމާއީ ޚިދުމަތްތެރިންގެ ދާއިރާއާއި، ޖިނާއީ ޢަދުލުގެ ނިޒާމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާއި، ޤާނޫނީ ނިޒާމާ ގުޅޭ ހިސާބެއްގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުން ހިމެނޭ ދާއިރާއެކެވެ.

ޕީޖީ އޮފީހުގެ އަމާޒަކީ ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ވިކްޓިމް ސަޕޯޓް ދާއިރާގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުންނަކީ، މި ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއްދޭ ބަޔަކަށް ހެދުންކަމަށް އެއޮފީހުން ބުނެއެވެ. އަދި އެކަން ކުރުމަށްޓަކައި މި ދާއިރާއަށް އަންނަ ބަދަލުތަކަށް ފަންނީ ބޭފުޅުން އަހުލުވެރިވުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ. އެއީ ވިކްޓިމަށް އިންސާފު ހޯދައިދިނުމަށް، އެންމެން އެއް އަމާޒަކަށް މަސައްކަތްކުރަން ޖެހޭނެތީކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުގެ "ނިޔާވެހި" ނެރުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހަކު އެއްފަހަރުއެވެ. އަދި ކުރިއަށްއޮތް ތަނުގައި ސަބްސްކްރިޕްޝަން ބޭސްޑް ނިއުސްލެޓަރއަކަށް މި ނިއުސްލެޓަރ ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން