އިންޑިއާގެ އާންމު އިންތިހާބުން ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ހިމެނޭ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އިން ކުރިހޯދުމުން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކާމިޔާބީޔަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ރިޕޯޓުތައް ބުނާގޮތުން މޯދީ ނިސްބަތްވެވަޑައިގަންނަވާ އިންޑިއާގެ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން ވަނީ 292 ގޮނޑި ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް މޯދީ ނިސްބަތްވެވަޑައިގަންނަވާ ބީޖޭޕީއަށް ލިބިފައިވަނީ 239 ގޮނޑިއެވެ.

މިއީ އިންޑިއާގެ ތާރީހުގައިވެސް ތިން ވަނަ ދައުރަކަށް ބޮޑުވަޒީރަކަށް ބޭފުޅަކު ވަޑައިގަންނަވާނެ ފަހަރެވެ. އެކަން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވެސް ފާހަގަކުރައްވައި މޯދީއަށް މަރުހަބާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މޯދީގެ ޒައާމަތުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިވެފައިވާ ކަމަށާއި އަދި މި ފަހަރުގެ ކާމިޔާބީއާއެކު ވެސް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ނެެގެހެއްޓުމަށްޓަކައި އިންޑިއާގެ ރައްޔިތުންނާއި އަދި އެ ގައުމުގެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ޝާހިދު ތައުރީފް ކުރެއްވި އެވެ.

މޯދީގެ ކާމިޔާބާ ގުޅިގެން ފައްޔާޒް އެކްސްގައި ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ރަނގަޅު ރަހުމަތްތެރިއެއްކަން މޯދީގެ ޒައާމަތުން އެނގިގެން ގޮސްފައިވާ ކަމަށެވެ.

އަދި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވާތަން ދެކިވަޑައިގަންނަވަން ބޭނުންވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން