މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙު ކޮށްފިއެވެ.

މިއަދު ފާހަގަ ކުރާ ބައިންލްއަގުވާމީ ތިމާވެށީގެ ދުވަހާ ދިމާކޮށް މިއަދު ހެނދުނު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ޕްރޮގްރާމް އިފްތިތާޙު ކޮށް ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އަދި މި މަޝްރޫޢުގެ ލޯގޯ ވެސް ވަނީ ރައީސް އިފްތިތާޙު ކޮށްދެއްފައިވެއެވެ.

މީގެއިތުރުން ރައީސްގެ ދެ ކަނބަލުންނާއި ނާއިބު ރައީސްގެ ދެކަނބަލުންނާއި ވަޒީރުންނާއި، އެންބެސެޑަރުން ވަނީ މި ހަރަކާތުގެ ތެރެއިން ގަސް އިންދުމުގައި ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައެވެ.

އެގޮތުން ލޮނުޒިޔާރަތް ޕާކުގެ އެކި ސަރަހައްދު ތަކުގައި އެބޭފުޅުން ގަސް އިންދާފައިވެއެވެ. އޭގެ ތެރޭގައި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަހާއި، މޭވާ އަޅާ ގަހާއި، ހިޔާ ލިބޭ ގަހާއި، ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ އެކިބާވަތުގެ ގަހުގެ އިތުރުން މާގަސް ހިމެނޭހެން 22 ބާވަތުގެ ގަސް އިންދާފައި ވެއެވެ.

އޭގެ ތެރޭގައި ކާބޮލި އަރޮޅި، ޗަމްޕާ ޕޫލު ގަސް، މެހެލި ގަސް، ތަނޑިރަތްމާ ގަސް، ކަހަރުވައް ގަސް، ކިޔަވާފިލާ ގަސް، މަރުގަސް، ޖަވާހިރުމާ ގަސް، ކާމިނީ ޕޫލު ގަސް، ދޮންބެއްޔާ ގަސް، ސަބުދެލި ގަސް، އަނޯނާ ގަސް، ހިތި ގަސް، މަދޮށި ގަސް، ސައްކެޔޮ ގަސް، އަނބުޅަ ގަސް، ކީރަންމާ ގަސް، ހަޒާރުމާ ގަސް، ބުރަފަތިމާ ގަސް އަދި 3 ވައްތަރެއްގެ ޗާންދަނީމާ ގަސް ހިމެނެ އެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 90 އަށް ވުރެ ގިނަ ވައްތަރުގެ ގަސް މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުގައި އިންދާނެ ކަމަށް އެންވަޔަރަަމަންޓް މިނިސްޓްރީން ބުނެއެވެ. އަދި މިގޮތުން އިންދާ ގަސްތައް މޮނިޓަރކޮށް، އޭގެ ސިއްހަތު ބަލާ، ކާބަން ނަގާ މިންވަރު ވަޒަންކުރާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ރާއްޖެ ފެހިކުރުމަށާއި، ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި އަދި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ދިވެހިރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ފަސް އަހަރު ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން