އިސްރާއިލުގެ ޕާސްޕޯޓްގައި އެ ގައުމުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރަން ނިންމުން އެމެރިކާގެ އެހީ ކަނޑާލާނެކަމުގެ ބިރު ދައްކަން ފަށައިފި އެވެ.

އިސްރާއިލުގެ ޕާސްޕޯޓް މަނާކުރަން ނިންމިކަން ސަރުކާރުން ހާމަކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެގޮތުން އެކަމަށްޓަކައި މިހާރު ކޮމިޓީއެއްވެސް އެކުލަވާލައިފައިވާ ކަމަށް ވެސް ސަރުކާރުން ހާމަކުރި އެވެ.

އެ މައްސަލައަށް ބައިނަލްއަގުވާމީ ބޮޑު ސަމާލުކަމެއް ލިބިފައިވަނިކޮށް އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެމްބަރެއް ކަމަށްވާ ޖޯޝް ގޮޓްހެއިމާ ވަނީ އެ ނިންމުން ކުށްވެރިކުރައްވައިފަ އެވެ. އަދި އިސްރާއީލަކީ އެމެރިކާގެ އެންމެ ބޮޑު ޑިމޮކްރެޓިކް ބައިވެރިޔާ ކަމަށްވާއިރު ރާއްޖޭގެ ނިންމުމަކީ މުޅި ޔަހޫދީންނާ ދެކޮޅުވުން ކަމަށް ސިފަ ކުރައްވައިފައި އެވެ.

އަދި އިސްރާއިލުގެ ޕާސްޕޯޓް މަނާކުރާނަމަ ރާއްޖެއަށް ދޭ އެހީތައް ކަނޑާލަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅަން ވެސް އޭނާ ތައްޔާރުވަމުންދާ ކަމަށް ވެސް އެމެރިކާގެ ނޫހަކުން ވަނީ ބުނެފަ އެވެ.

އިސްރާއިލުގެ ޕާސްޕޯޓް މަނާކުރަން ނިމިގެން ދިޔަ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ގަރާރެއްވެސް ފާސްކުރި އެވެ. ނަމަވެސް އެ ގަރާރަށް އެމްޑީޕީގެ ސަރުކާރުން އަމަލުކޮށްފައެއް ނުވެއެވެ.

އެމްޑީޕީން ދާދި ފަހުން ވަނީ އިސްރާއިލުގެ ޕާސްޕޯޓް މަނާކުރަން މަޖިލީހަށް ބިލެއް ވެސް ހުށަހަޅައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން