ސްޓެލްކޯގެ ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ގަސް އިންދަނީ (ފޮޓޯ: ޙުމައިދު، ރަސް އޮންލައިން)
ސްޓެލްކޯގެ ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ގަސް އިންދަނީ (ފޮޓޯ: ޙުމައިދު، ރަސް އޮންލައިން)
މިހާރު މި އިންދާ ގަހުން ކުރިއަށް އޮތް ޖީލަށް އޭގެ ފައިދާ ކުރާނޭ ކަމަށާއި، މިއީ އަންނަން އޮތް ޖީލަށް ކޮށްދެވޭ އިންވެސްޓްމަންޓެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަޙުމީ ވިދާޅުވެއްޖެއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަޙުމީ މިހެން ވިދާޅުވީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ކުރިއަށް އޮތް 5 އަހަރުތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް އަމާޒުކޮށް އިފްތިތާޙުކޮށްދެއްވި ޕްރޮގްރާމްގައި ބައިވެރިވެ، ސްޓެލްކޯއިން ޕްލެޖްވެފައިވާ ގޮތަށް 500،000 ގަސް އިންދުމުގެ އަމާޒަށް ވާޞިލްވުމަށްޓަކައި ޚާއްސަ ޙަރަކާތް ފައްޓަވައި ދެއްވުމަށް ބޭއްވި ހަފްލާގައެވެ.

ސްޓެލްކޯއިން ތިމާވެށީގެ ދުވަހާއި ގުޅިގެން މިއަދު ފެށި ގަސް އިންދުމުގެ ޙަރަކާތް ވަނީ ސްޓެލްކޯއިން ޙިދުމަތް ދެމުން ގެންދާ 33 ރަށުގައި އެއްފަހަރާ މިއަދު ފަށާފައެވެ. މި ޙަރަކާތް ރަސްމީކޮށް ފެއްޓުމަށް، ކ އަތޮޅު ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތާއި ތިމާވެއްޓާއި ވަރަށް ބޮޑު ގުޅުމެއްވާ ކަމަށާއި، އަދި އެކަމުގެ ސަބަބުން ތިމާވެއްޓަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބުމަކީ ބޭނުންފުޅުވާ ކަމެއް ނޫން ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެން މި މަސައްކަތް މިހާބޮޑު އަހަންމިއްޔަތުކަމެއް ދީގެން މި ކުރިއަށް ގެންދަނީ. އިރާދަ ކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް މި ފަސް އަހަރު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަސްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް މިއަދު ފެށިގެން މިދަނީ" ފަހުމީ ވިދާޅުވިއެވެ.

ފަޙުމީ ވިދާޅުވީ މިހާރު މި އިންދާ ގަހުން ކުރިއަށް އޮތް ޖީލަށް އޭގެ ފައިދާ ކުރާނޭ ކަމަށެވެ. އަދި މިއީ އަންނަން އޮތް ޖީލަށް ކޮށްދެވޭ އިންވެސްޓްމަންޓެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.

"މިއަދު މި އިންދާ ގަހުގެ ފައިދާ ފަހަރެއްގައި އަޅުގަނޑުމެންނަށް ނުކޮށްފާނެ، އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިކަމުގެ ފައިދާ ކުރާނީ މި ތިއްބެވި ތުއްތު ކުދިންނަށް. (މިއީ) އަޅުގަނޑުމެންގެ އަންނަން އޮތް މުސްތަޤްބަލަށް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ" ފަހުމީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާގެ އިތުރުން ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑު އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރޮމަންޓް އެންޑް އެނާރޖީގެ އިސް ބޭފުޅުން ބައިވެރިވެފައިވެއެވެ.

ގަސް އިންދުމަށް ސްޓެލްކޯއިން ފެށި ހަރަކާތާއި ގުޅޭގޮތުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރު ވިދާޅުވީ، ޤައުމެއް ބިނާކުރުމަށް ކުރަންޖެހޭ މުހިންމު އެއް މަސައްކަތަކީ ޤައުމުގެ ދަރިންނަށްޓަކާ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކޮށްދީ، އެ ކުދިންނަށް އުފާވެރި މުޖުތަމަޢުއެއް ހޯދައިދިނުމަށް ރައްކާތެރި މާޙައުލެއް ބިނާކުރުން ކަމަށެވެ. އެހެންކަމުން މިއަދު މި ފެށި މަސައްކަތުގެ ތެރެއިން އިންދާ ގަސްތައް ހެދި އޭގެން ހިޔަލާއި މޭވާ ރައްޔިތުންނަށް ލިބެންދެން އެ ގަސްތައް ބެލެހެއްޓުމަށް ޚާއްސަ ފަރާތްތަކެއް ކަނޑައަޅައި، އެ މަސައްކަތް ވިލަރެސް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ސްޓެލްކޯއިން މިއަދު ފެށި މި ޙަރަކާތުގެ ފުރަތަމަ ފިޔަވަހީގައި ކ. ތުލުސްދޫގައި އިންދި 6000 ގަހާއެކު، ސްޓެލްކޯއިން ޚިދުމަތްދޭ 33 ރަށެއްގައި މިއަދު ވަނީ ޖުމްލަ 21،007 ގަސް އިންދާފައެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހި ރުކާއި، އޮފި އެލޭ، ކިނބި އަދި ދިއްގާގެ އިތުރުން ހިރުނދެވެ. މީގެ އިތުރުން މި ޙަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ސްޓެލްކޯއިން ވަނީ ކޮންމެ ރަށެއްގައިވެސް ގްރީން އޭޖެންޓެއް ކަނޑައެޅުމަށް ނިންމާފައެވެ. މިގޮތުން ކަނޑައަޅާ ގްރީން އޭޖެންޓުންގެ ޒިންމާއަކަށް ވަނީ މި ހަރަކާތުގެ ތެރެއިން ކުރިއަށްގެންދާ ގަސްއިންދުމުގެ މަސައްކަތް ވިލަރެސްކުރުމާއި، ހަރަކާތުގެ ތެރެއިން އިންދާ ގަސްތައް ބެލެހެއްޓުމެވެ.

ތުލުސްދޫގައި މި ހަރަކާތް އެ ރަށުގެ ކައުންސިލާއި ރަށުގެ އެކި މުއައްސަސާތަކާއި އަދި ރަށުގައި ހިންގާ ޖަމުޢިއްޔާތަކާއި ގުޅިގެން ކުރިއަށްގެންދާއިރު، އެހެން ރަށްރަށުގައި މި ޕްރޮގްރާމް ކުރިއަށްގެންދާނީ އެ ރަށެއްގެ ރަށު ކައުންސިލާއި ގުޅިގެންނެވެ.



ހަކަތަ އުފެއްދުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގެ ތެރެއިން އުފެދޭ ކާބަން ފުޓްޕްރިންޓް ކުޑަކޮށް، ކާބަން އޮފްސެޓް ކުރުމުގެ އަމާޒުގައި ފެށި މި ޙަރަކާތުގައި ހިޔާލިބޭ ބޮޑެތި ގަސްގަހުގެ އިތުރުން ތަރުކާރީއާއި މޭވާ އަދި ހޭޅިފަށް ރައްކާތެރިކުރާ ފަދަ ގަސް އިންދުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.

ސްޓެލްކޯއިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި، 5 އަހަރުން 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގައި ބައިވެރިވެ، ކުރިއަށް އޮތް 5 އަހަރު ތެރޭގައި މަދުވެގެން 5 ލައްކަ ގަސް އިންދުމަށް އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން