ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މައުސޫމް
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މައުސޫމް
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މައުސޫމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، މައުސޫމް ފަނޑިޔާރުކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މައުސޫމް އިސްތިއުފާ ދެއްވާފައިވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސިޓީއަކުން މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ. އެހެންކަމުން ހޯމަ ދުވަހުގެ ޖަލްސާގައި މައުސޫމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ވޯޓަކަށް ނާހާނެއެވެ.

މިމައްސަލަ ދިރާސާކުރި ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓު، އެކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާފައެވެ. ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މައުސޫމް ފަނޑިޔާރުކަމުން ވަކިކުރަން ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ނިންމުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ދިރާސާ ކުރުމަށްފައެވެ. ކޮމިޓީން ނިންމާފައިވަނީ އެ ނިންމުން ޖޭއެސްސީން ނިންމާފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ.

ކޮމިޓީން މިގޮތަށް ނިންމާފައިވަނީ ކޮމިޓީއަށް ހާޒިރުވެ، ވޯޓު ދެއްވި 8 މެމްބަރުންގެ ވޯޓާ އެކުގައެވެ. ޖޭއެސްސީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ހދ. ޖުޑިޝަރީ ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މައުސޫމާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކުގެ ތެރެއިން، ހދ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާއެއްގެ ނިންމުމުގައި އިސް މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވާފައިވާ ކަމަށާއި، އިސް މެޖިސްޓްރޭޓް މައުސޫމް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުއާމަލާތްތައް ވެސް ކޮށްފައިވާކަން ސާބިތުވާ ކަމަށެވެ.

މީގެ އިތުރުން، މައުސޫމަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، މައުސޫމްގެ ބޭންކް އެކައުންޓަށް ވަދެވަފައިވާ ގިނަ އަދަދެއްގެ ފައިސާ އަކީ ނާޖާއިޒު ގޮތުގައި ނުވަތަ ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާ ކަމަށް ވެސް ޖޭއެސްސީގެ ތަހުގީގުން ހާމަވާ ކަމަށް ޖޭއެސްސީ އިން ބުނެ އެވެ.

ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް، އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާމެދު މައުސޫމް ހިތާފައިވާކަމާއި، އަދި މައުސޫމްގެ ފަރާތުން އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ އަމަލުތަކެއްކަން ޖޭއެސްސީން ހިންގި ތަހުގީގަށް ސާބިތުވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން